ރައީސްގެ ރިޔާސީ މެނިފެސްޓޯ ގައި ހިމެނޭ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް ލިބިއްޖެ

1 week ago

އަފްރާހް

ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް އުފައްދުމަށް ލައިސަންސް ދީފިއެވެ.


އެކަން ހާމަކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއެކު ގައުމުގެ ތަރައްގީ އަށް ކޮށްޓަވަމުން ގެންދަވާ މަގަކީ އުޖާލާ މަގެއްކަން ހާމަވާ ކަމަށެވެ. އަދި މިއީ ތާރީހީ ދުވަހެއް ކަމަށެވެ.


މަރުކަޒީ ބޭންކް، އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ލައިސަންސް ހަވާލުކޮށްދެއްވީ ގަވަރުނަރ އަހްމަދު މުނައްވަރެވެ. ލައިސަންސް އާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ ސައީދުއެވެ.


"ކުންފުނީގެ ގާނޫނު" ގެ 15 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވީ މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.


ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ޑިވެލޮޕްމެންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. މިއީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. ޗެއަޕާރސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ އެވެ.


މިއީ ބައިނަލްއަގުވާމީ މާލީ އެކި އިދާރާތަކުގައި މީގެކުރިން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ދެ ބޭފުޅުންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.


މިދިޔަ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެ ބޭންކުގެ ބޯޑު މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފައެވެ.


އެއީ މާލެ، މއ. ވޭސައިޑް 805 ފްލެޓް، އަހުމަދު އަލީ އާއި ސިންގަޕޫރުގެ ރައްޔިތުން ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު އަދި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާންޓްއެވެ.


ޑިވެލޮޕްމެންޓް ބޭންކު ހަދާފައިވަނީ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގެ "އެސްއެމްއީ ހަބް" ހިންގާ އިމާރާތުގައެވެ.


ޑިވެލޮޕްމެންޓް ބޭންކެއް ރާއްޖޭގައި އުފެއްދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.


ރައީސް އޮފީހުން ވިދާޅުވެފައިވަނީ ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފައްދާ ބޭންކެއް ކަމަށެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމަކީ ވެސް ރައީސް، މި ބޭންކު އުފެއްދެވި މަގްސަދެކެވެ.


ކިޔުންތެރިންގެ ހިޔާލު