ވިފާގް އަކީ ޑިޕްރެޝަނަށް ބޭސް ކުރަމުންދިޔަ ކުއްޖެއް- ޖިންސީ ގޯނާއެއް ނެތް: ފުލުހުން

1 week ago

އަފްރާހް

ކަސްޓަމްސް ސަރަހައްދުގެ ގެއެއްގެ ބެލްކަނިން ވެއްޓުނީ ޑިޕްރެޝަނަށް ބޭސް ކުރަމުންދިޔަ ކުއްޖެއް ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން މިފަދައިން ވިދާޅުވީ އޮގަސްޓު 14 ވަަނަ ދުވަހުގެ ރޭ މާލޭގެ ކަސްޓަމްސް ކައިރީގައި ހުންނަ މ. ހަސޯވާ ގޭގެ، 10 ވަނަ ފަންގިފިލާއިން ވެއްޓިގެން މަރުވި ވިފާގު އިބްރާހިމު އަދުނާނުގެ މަރާއި ގުޅިގެން މައުލޫމާތު ދެއްވަމުންނެވެ.


އޮކްޓޯބަރ 13 ވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ވިފާގް އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ޑިޕްރެޝަނަށް ބޭސްކުރަމުން ކަމަށެވެ.


އޭނާ ޑިޕްރެޝަނަށް ޑައިގްނޯސްވީ ސީއެޗްއެސްސީގައި ކިޔެވިއިރު، ސްކޫލުގައި އިނދެ ރޯތީ އެކަން ބެލި ބެލުމުން ކަމަށާއި އޭނާ ޑިޕްރެޝަނަށް ދާންޖެހުނު މައިގަނޑު ސަބަބަކީ މަންމަ އާއި ބައްޕަ ވަކިވުމާއި ސްކޫލުގައި ބުލީގެ ޝިކާރައަކަށްވުން ކަމުގައި ފުލުހުން ވަނީ ހާމަކުރައްވާފައެވެ.


މީގެއިތުރުން އޭނާ މަރުވި ދުވަހު ފުލުހުން އެ އިމާރާތް ބެލި އިރު، ބެލްކަނީގައި ގޮނޑިއެއް ހުރި ކަމަށާއި ފަތްތަކެއް ހުރި ސައިތައްޓެއް ހުރި ކަމަށް ވިދާޅުވިއެވެ. އަދި ވިފާގްގެ ކޮޓަރީގައި ފޮއްޓެއްގައި އޮތް ޑިސްޕްލޭ ތަޅައިގެން ގޮސްފައި އޮތް އައިފޯނަކާއި އެނދުމަތީ އޮތް ލެޕްޓޮޕަކާއި ނަފްސާނީ ބައްޔަށް ކާ ބޭސްތަކާއި އެފަދަ ފަރުވާ ނަގާފައިވާ ޑޮކިއުމަންޓްތައް ހުރި ފައިލެއް ފުލުހުންގެ ތަހުގީގަށް ނެގި ކަމަށް ވިދާޅުވިއެވެ.


ފުލުހުން އިތުރަށް ވަނީ ވިފާގު އިބްރާހިމު އަދުނާނަކީ ޖިންސީ ގޮތުން އެއްވެސް އިރެއްގައި ގޯނާއެއް ލިބިފައިވާ މީހެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު