އީސީގެ މެމްބަރުކަމަށް އަބްދުލްހަސީބުގެ ނަން ފޮނުވައިފި

1 week ago

އަފްރާހް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުގެ މަގާމަށް ޢަބްދުލްޙަސީބް އިސްމާޢީލް އައްޔަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.


އެ ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި މިހާރުހުންނެވި، ޢަބްދުލްހަސީބުގެ ނަން ފޮނުއްވާފައިވަނީ އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުގެ މެންބަރުކަމުގެ މުއްދަތު ހަމާވާތީއެވެ.


ފުވާދުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ.


އެ ކޮމިޝަންގެ މެންބަރަކަށް ބޭފުޅަކު އައްޔަން ކުރައްވާނީ އެކަމަށް އެދިހުށައަޅާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަން މަޖިލީހުން ފާސްކުރެއްވުމަށްފަހުއެވެ.


އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިދިޔަ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ނަން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.


އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށައެޅުއްވި ޢަބްދުލްޙަސީބު އިސްމާޢީލްގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.


ޢަބްދުލްޙަސީބު ވަނީ މާލީ ވުޒާރާ އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ. އޭނާ އިލެކްޝަންސް ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2 ޖެނުއަރީ 2022 ގައެވެ.


ފުވާދު ތައުފީގުގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމު ވެސް ހުސްވާނެއެވެ. ކޮމިޝަނުގެ ރައީސަކަށް ވެވަޑައިގަންނަވާނީ އެ ކޮމިޝަނުގެ 5 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން އިއްތިފާގުވާ މެންބަރެކެވެ.


ކިޔުންތެރިންގެ ހިޔާލު