ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ހިލޭ ބެހުން މަނާ

1 week ago

އަފްރާހް

މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ހިލޭ ބެހުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.


އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މީސްމީޑިއާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މިއަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.


މީގެއިތުރުން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުން ވެސް މަނާކުރުމަށް ނިންމަވާފައިވާ ކަަމަށް ވިދާޅުވެފައި ވެއެވެ. އަދި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށް ވިދާޅުވެފައިވެއެވެ.


ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅައިދިނުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިއްހަތާއި ބެހޭ ގިނަ ޖަމިއްޔާ، ޖަމާއަތްތަކަކުން އެކަން ކޮށްދިނުމަށް އެދެމުންދާ ދަނޑިވަޅެއްގައެވެ.


ސަރުކާރުން ކުރިން ނިންމަވާފައިވަނީ ދުންފަތާއި ނިކޮޓީން ހިމެނޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ އިނާޔަތް ދިނުން ނޮވެމްބަރު މަހު ހުއްޓާލާ ގޮތަށެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަށް ގިނަބަޔަކު އަންނަނީ މީސްމީޑިއާގައި މަރުހަބާ ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު

އަހުމަދު

ރަގަޅު ނިންމުމެއް، ބަދަލެއް ނައިސް ތިހެން ދާއިމަށް އޮވެއްޖެ ނަމަ ކިތަންމެހާ ވެސް ރަގަޅު، އިންޝާﷲ،

1 week ago