ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ޑިމޮކްރަސީ އަށް ބޮޑެތިި ގޮންޖެހުންތަކާ ކުރިމަތިވޭ: މަޖިލިސް ރައީސް

1 week ago

އަފްރާހް

ދޮގު މައުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މައުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ.) ގެ 149 ވަނަ އެސެމްބްލީގެ ބަހުސްގައި ކުރެއްވި ތަގްރީރުގައެވެ.


"ސުލްޙަވެރި އަމާން އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުންހިފުން" މި މައުޟޫ އަށް ވާހަކަދައސްކަވަމުން އެމަނިކުފާނު ވަނީ މިފަދަ ގޮންޖެހުންތަކުން ސަލާމަތްކުރުމަށް ގާނޫނުހަދާ މަޖިލިސްތަކުގެ މަސްއޫލިއްޔަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.


އެގޮތުން އައު އީޖާދުތަކާއެކުކީ އެއަށް ބޭނުންވާ ގަވާއިދުތައް ވެސް އެކުލަވާލުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.


އައި.ޕީ.ޔޫ. އިން ކަނޑައަޅާފައިވާ ސައިންސާއި ޓެކްނޮލޮޖީގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ސައިންސާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތަކެއް ގައުމުތަކުން އެކުލަވާލުމަކީ މުހިންމުކަމެއްކަމަށާއި ދިރާސާތައް ކުރިއަށް ގެންދަންވާނީ ނަޒާހަތްތެރިކަމާއި އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށްގެން ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން އިއާދަކުރަނިވި ހަކަތައާއި ދެމެހެއްޓެނިވި ތަރައްގީ އަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ހާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީއާއި ތަހުޒީބު ގެނައުމަށާއި ދިވެހިންގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމެއްގެ ގޮތުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް 28 ގައި އިއުލާން ކުރެއްވި، ފަސް އަހަރު ތެރޭގައި އިއާދަކުރަނިވި ހަކަތައިން ގައުމުގެ ކަރަންޓުގެ 33 އިންސައްތަ ހަމަޖެއްސުމާއި ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ކެމްޕޭންގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.


މީގެއިތުރުން ކޮވިޑުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޮންލައިންކޮށް މަޖިލިސް ކުރިއަށް ގެންދިޔަ ގާނޫނުހަދާ މަޖިލިސްކަން ފާހަގަކުރައްވައި، ޓެކްނޮލޮޖީއާމެދު މަޖިލީހުގެ ދައުރު އިތުރުކުރުމުގެ ގޮތުން، އައި.ސީ.ޓީ. އާ ގުޅޭ ދާއިމީ ކޮމިޓީއެއް މަޖިލީހުގައި ހިމެނޭކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ފުރިހަމަ ޑިޖިޓަލައިޒްޑް އިގްތިސާދެއް އުފެއްދުމުގެ މަގްސަދުގައި އާންމު ހިދުމަތްތަކާއި ތިމާވެށީގެ މޮނިޓަރިންގ ރަނގަޅު ކުރުމަށް މަސްނޫއީ ވިސްނުން ބޭނުންކުރުމަށް ވެސް ރާއްޖެއިން ދަނީ ހީވާގިކަމާއެކު މަސައްކަތްކުރަމުންކަމަށް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ދޮގު މަޢުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މަޢުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަމަށް ވިދާޅުވިއެވެ.


މަޖިލިސް ރައީސްގެ ތަގްރީރުގައި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވެސް ގޮވާލެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ހާލަތުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުން ވެސް އިސްކަންދީ ސުލްހަ ދެމެހެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ.


ހަމައެއާއެކު، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވައި، އާންމުން ތަހަންމަލްކުރަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ވެސް މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު