ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ: އޭޖީ

1 week ago

އަފްރާހް

ރާއްޖޭގައި ވޭޕް ވިއްކުމާއި ހިލޭ ބެހުން މަނާކުރަން ނިންމުމުން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް ފަށައިފިއެވެ.


މިކަން ހާމަކުރެއްވީ ރާއްޖޭގައި ވޭޕް ވިއްކުމާއި ހިލޭ ބެހުން މަނާކުރަން ނިންމުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް މަރުހަބާ ދަންނަވައި، އެޓަރނީ ޖެނެރަލް އަހްމަދު އުޝާމް ކުރެއްވި ޕޯސްޓެއްގައެވެ.


"އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން." މީސްމީޑިއާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވިއެވެ.


ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވައި ވިދާޅުވީ އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.


މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ހިލޭ ބެހުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވިކަން ހާމަކުރެއްވީ އޮކްޓޯބަރ 14 ވީ ހޯމަ ދުވަހު އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ރައީސް ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މިއަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.


މީގެއިތުރުން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުން ވެސް މަނާކުރުމަށް ނިންމަވާފައިވާ ކަަމަށް ވިދާޅުވެފައި ވެއެވެ. އަދި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށް ވިދާޅުވެފައިވެއެވެ.


ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅައިދިނުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިއްހަތާއި ބެހޭ ގިނަ ޖަމިއްޔާ، ޖަމާއަތްތަކަކުން އެކަން ކޮށްދިނުމަށް އެދެމުންދާ ދަނޑިވަޅެއްގައެވެ.


ސަރުކާރުން ކުރިން ނިންމަވާފައިވަނީ ދުންފަތާއި ނިކޮޓީން ހިމެނޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ އިނާޔަތް ދިނުން ނޮވެމްބަރު މަހު ހުއްޓާލާ ގޮތަށެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަށް ގިނަބަޔަކު އަންނަނީ މީސްމީޑިއާގައި މަރުހަބާ ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު