އަމާޒަކީ އެންމެނަށް ރައްކާތެރި ސައިބަރ މާހައުލެއް ކަށަވަރުކުރުން: ސީޕީ

1 week ago

އަފްރާހް

އަމާޒަކީ އެންމެނަށް ރައްކާތެރި ސައިބަރ މާހައުލެއް ކަށަވަރުކުރުން ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.


އެމަނިކިފާނު މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްދެއްވާ ދެއްވި ބަސްދީގަތުމެއްގައެވެ.


ސީޕީ ވިދާޅުވީ ސައިބަރ ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުކުރެވެމުން ކަމަށެވެ.


"އަމާޒަކީ އެންމެނަށް ރައްކާތެރި ސައިބަރ މާހައުލެއް ކަށަވަރުކުރުން. މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ގާއިމްކޮށް ސްޓްރެޓެޖީތައް ތަންފީޒުކޮށް ރާއްޖެއަކީ ޑިޖިޓަލް މުއާމަލާތްތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމިއޮތުން." ސީޕީ ވިދާޅުވިއެވެ.


މި މަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ސައިބަރ ކުށްތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަން ރައްޔިތުންނަށް ބުނެދިނުންކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މި ފިޔަވަޅުތައް އެޅުމަށް މުޖުތަމައުގެ ގިނަ ބަޔަކު ހޭލުންތެރިކުރުވާ އެކަމަށް ބާރު އެޅުން ކަމަށް ވެސް ވިދާޅުވިއެވެ.


އިންޓަރނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުގެ ނުރައްކާ މިހާރު އޮތް މިންވަރާ މެދު ކަންބޮޑުވާންޖެހޭކަން ފާހަގަކުރައްވައި، ސީޕީ ވަނީ ސްކޭމްގެ އެކި ހަމަލާތަކުގެ ޝިކާރައަކަށްވާ މީހުން ގިނަކަން ވެސް ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގޭ ކުށްތަކުން ރައްކާތެރިވުމާއި ގުޅޭ ގިނަ މައުލޫމާތު ފުލުހުންގެ ސައިބަރ ކުށްތައް ތަހުގީގުކުރާ ބަހާގަ އަލަށް އުފެދިގެންދާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.


މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ސައިބަރ ކުށްތައް ހިނގާ މާހައުލުގައި ހަރަކާތްތެރިވާ އަދި ޑިޖިޓަލް ޕްލެޓް ފޯމްތައް ބޭނުންކުރާ ފަރާތްތަކަށް ހޭލުންތެރިކަމުގެ މައުލޫމާތު ލިބިގެންދިއުންކަން ސީޕީ ފާހަގަކުރެއްވިއެވެ.


އިންޓަރނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަްވާމީ މަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޯބަރ މަހެވެ.


ކިޔުންތެރިންގެ ހިޔާލު