ރައީސްގެ ނިންމެވުން ގުޅިފައިވަނީ ގައުމުގެ ޒުވާން ޖީލާއި މުސްތަގްބަލަށް: ނައިބު ރައީސް

1 week ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކީ ގައުމުގެ ޒުވާން ޖީލުގެ މުސްތަގްބަލްގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމެއް ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގައި ވޭޕް ވިއްކުމާއި ހިލޭ ބެހުން މަނާކުރަން ނިންމުމާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ނައިބު ވަނީ ރައީސްގެ މި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރި ކަމާއެކުގައި ކަމަށް ވެސް ވިދާޅުވެފައެވެ.


މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ހިލޭ ބެހުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވިކަން ހާމަކުރެއްވީ އޮކްޓޯބަރ 14 ވީ ހޯމަ ދުވަހު އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ރައީސް ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މިއަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.


މީގެއިތުރުން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުން ވެސް މަނާކުރުމަށް ނިންމަވާފައިވާ ކަަމަށް ވިދާޅުވެފައި ވެއެވެ. އަދި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށް ވިދާޅުވެފައިވެއެވެ.


ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅައިދިނުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިއްހަތާއި ބެހޭ ގިނަ ޖަމިއްޔާ، ޖަމާއަތްތަކަކުން އެކަން ކޮށްދިނުމަށް އެދެމުންދާ ދަނޑިވަޅެއްގައެވެ.


ސަރުކާރުން ކުރިން ނިންމަވާފައިވަނީ ދުންފަތާއި ނިކޮޓީން ހިމެނޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ އިނާޔަތް ދިނުން ނޮވެމްބަރު މަހު ހުއްޓާލާ ގޮތަށެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަށް ގިނަބަޔަކު އަންނަނީ މީސްމީޑިއާގައި މަރުހަބާ ކިޔަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު