ދޮންފަނާއި ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ހިދުމަތްދޭން ފަށައިފި

6 days ago

އަފްރާހް

ބ. އަތޮޅު ދޮންފަނާއި ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ހިދުމަތްދޭން ފަށައިފިއެވެ.


މި ދެ ރަށުގެ ޕޮލިސް ޕޯސްޓު ހުޅުވުމަށް ވަކިވަކިން އެރަށްރަށުގައި ބޭއްވި ރަސްމިއްޔާތުގައި ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކައުންސިލު ރައީސް އިބްރާހީމް ޢަބްދުއްރަަޙްމާންއެވެ. އަދި ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ސީޕީ އާއި ކައުންސިލު ރައީސް އަޙްމަދު އިރުޝާދުއެވެ.


ދޮންފަނު ޕޯސްޓު ހުޅުވައިދެއްވުމަށްފަހު، ދޮންފަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕި ވިދާޅުވީ ދޮންފަނު ރައްޔިތުންގެ ހަޔާތުގައި މިއަދަކީ ވަރަށް ތާރީޚީ އަދި އެހާމެ އުފާވެރި ދުވަހެއްކަމަށެވެ. އަދި މި ޕޮލިސް ޕޯސްޓާއެކު، ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ވެސް އަމާންކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ.


ކެންދޫގައި ވާހަކަ ދައްކަވަމުން ވަނީ 2016 މެއި 6 ވަނަ ދުވަހު ކެންދޫގައި ޕޮލިސް ޑެސްކުން ފެށި ފުލުހުންގެ ހިދުމަތް މިއަދު ޕޮލިސް ޕޯސްޓަކަށް ތަރައްގީ ކުރެވިގެން ގޮސްފައިވާތީ ރަށުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.


މީގެއިތުރުން ކެންދުއަކީ ކުށްމަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަމަށް ވެސް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ، ކުށްމަދު ގައުމަކަށް މި ގައުމު ވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު