ދާލު އަމާންވެށީގެ ހިދުމަތްތައް ފުޅާކުރުމަށް އެއްބަސްވުމެއް

6 days ago

އަފްރާހް

ދ. ކުޑަހުވަދޫގައި ހިނގަމުންދާ އަމާންވެށީގެ ވަސީލަތްތައް ތަރައްގީކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


މިއީ ޕަލްސް ހޮޓެލްސް އެންޑް ރިސޯރޓްސް އާއި، މަންޓާ އެއަރ އަދި ދާލު އެއަރޕޯޓުގެ އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވާ ޖަމިއްޔާ، ދަ ނޯޓިލަސް ފައުންޑޭޝަނާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމެންޓް ދެމެދު ސޮއިކުރި ފަހުމުނާމާއެކެވެ.


އޮކްޓޯބަރ 15 ވީ އަންގާރަ ދުވަހު ވެވުނު މި އެއްބަސްވުމުގެ ދަށުން ނޯޓިލަސް ފައުންޑޭޝަންގެ އެހީއާއިއެކު އަމާންވެށީގެ ގޯތިތެރޭގައި ޒަމާނީ ފެންވަރުގެ ޓަރފް ދަނޑެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.


މީގެއިތުރުން ކުދިން ކިޔެވުމަށް އަމާންވެށި އިމާރާތުގައި ކުދިން ކިޔަވާނެ ޒޯނެއް ތަރައްގީކުރުމަށް ލައިބްރަރީ އޭރިއާއެއް ހެދުމާއެކު، ކޮމްޕިއުޓަރ ސިސްޓަމްތަކާއި ކުދިން ކިޔަވާނެ ފޮތް ފަދަ ތަކެތި މި އެއްބަސްވުމުގެ ދަށުން ދިނުމަށްވަނީ ހަމަޖެހިފައެވެ.


އެ އަމާންވެށީގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް އެޅިގެންދިޔަ މި މުހިންމު ފިޔަވަޅަކީ އަމާންވެށީގައި ހިދުމަތް ފޯރުކޮށްދޭ ކުދިންނަށް ތައުލީމާއި، ދުޅަހެޔޮކަމާއި މުނިފޫހިފިލުވުން ކުރިއެރުވުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.


މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މަޖްލީސް މެމްބަރ ޙުސެއިން ޙަމީދު، ދ. އަތޮޅުގެ ކައުންސިލް ރައީސް އަޙްމަދު ޝާފިއު، މަންޓާ އެއަރ ގެ ޑެޕިއުޓީ ސީ.އީ.އޯ އަޙްމަދު މައުމޫން، ނޯޓިލަސް ފައުންޑޭޝަން ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޙަލީލް ، ނޯޓިލަސް ފައުންޑޭޝަން ގެ ލީޑް އައިޝަތު އިހުމާ އާއި އެކި ދ. ފެމިލީ އެންޑް ޗީލްޑްރަން ސަރވިސަސްގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު