2 months ago
"އޮޕަރޭޝަން ހިރާސް ފާސް 2024" ގެ ނަމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިންމާލައިފިއެވެ.
މިއީ ކެމިކަލް ރައްކާކުރުމުގައި ބަޔާންކުރާ ޤަވާޢިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ނިންމުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ޑީބްރީފިންގގައި ޑިފެންސް މިނިސްޓްރީގެ ނައިބު ފާޠިމަތު މިޒުނާ ޢަލީއާއި އެފްއާރުއެސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުޙުރީ ބައިވެރިވެލެއްވިއެވެ.
އޮކްޓޫބަރު 1 އިން 15 އަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް ވަނީ މި އޮޕަރޭޝަންގެ ތެރެއިން ދެނެގަނެފައެވެ.
މާލެ ސިޓީ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދިަޔަ މި އޮޕަރޭޝަންގައި 15 ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ މީހުން ދިރިއުޅޭ 399 އިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 144 ގުދަނާއި ކެމިކަލް ވިއްކާ 62 ފިހާރައެއްގެ މަޢުލޫމާތު އެއްކޮށްފައެވެ.
މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައިވެރިވެފައި ވެއެވެ.