މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް ފައިސާ ހޯދުމުގައި އަދިވެސް ގޮންޖެހުން އެބަހުރި: ޣައްސާން

6 days ago

އަފްރާހް

މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި ހޭނުމަށް އެކަށީގެންވާ ފައިސާ ހޯދުމަކީ އަދިވެސް އޮތް ގޮންޖެހުމެއް ކަމުގައި ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.


ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްތަރ ވަނީ ރާއްޖެ ފަދަ ކުޑަ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ ވަގުތުން ކުރިމަތިވާ އަދި ބޮޑެތި ނުރައްކާތަކެއްކަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ކެރިފޯރުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގައި އެއްވެސް ގައުމެއް ފަހަތަށް ނުޖެހި ކުރިއަށް ދިއުމަށް ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވުމަކީ އެންމެންގެ ޒިންމާއެއްކަން ވެސް ހަނދާންކޮށްދެއްވިއެވެ.


ސަރުކާރުން ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން އަޅާ ފިޔަވަޅުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތަކުގެ ހާމަކަން އިތުރުކޮށް، އެކަންކަން ބެލެހެއްޓުން ހަރުދަނާކުރުމުގެ ބޭނުމުގައި ސޮއިކުރި އެއްބަސްވުމެވެ.


މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވާނެ ކަަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން އަޅާ ފިޔަވަޅުތައް ބައިނަލްއަގްވާމީ މުޖުތަމައުތަކަށް ރިޕޯޓުކުރާ މިންވަރު އިތުރުވާނެކަމަށް ވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު