މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާތަކެއް!

6 days ago

އަފްރާހް

މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަޝްވަރާއެއް ކުރިއަށް ގެންގޮސްފިއެވެ.


މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އާއި އެމް.ޑަބްލިއު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީންއެވެ.


މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނެވެ.


މީގެއިތުރުން މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި ކުރިއަށް އޮތް ތަނުގައި ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.


މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދާއިރު، ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައެވެ. އަދި މި ދާއިރާ އިން އެމް.ޑަބްލިއު.އެސް.ސީ އިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.


އެމް.ޑަބްލިއު.އެސް.ސީގެ އެމް.ޑީ ޢަބްދުލްމަތީން ވިދާޅުވީ ކުންފުނިން ގެންގުޅޭ އާ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓްތަކުގެ ސަބަބުން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި ދާއިރާ ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.


މި ބައްދަލުވުމަކީ މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު