ޓެކުހުގެ ގޮތުގައި ލިބޭ 5 ބިލިއަނަށް ވުރެ ގިނަ ޑޮލަރު އަޅަނީ ކަނޑަށް: ސިޔާމް

6 days ago

އަފްރާހް

ރާއްޖެއަށް އަހަރެއްގެ މައްޗަށް ޓެކުހުގެ ގޮތުގައި ލިބޭ ފަސް ބިލިއަނަށް ވުރެ ގިނަ ޑޮލަރު އަޅަނީ ކަނޑަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.


ގްރީން ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ސިޔާމް ވިދާޅުވީ ދުބާއީގައި ވެސް ޖީއެސްޓީގެ ގޮތުގައި ނަގަނީ ފަސް ޕަސެންޓު ކަމަށާއި އެހެންކަމުން ރާއްޖޭގައި ނަގާ ޓެކްސް، ތަރައްގީވެފައިވާ ގައުމުތަކާ އަޅާ ބަލާއިރު ބޮޑު ކަމަށެވެ.


މީގެއިތުރުން ޓެކްސް ބޮޑުކުރަން ވެއްޖެނަމަ، ރާއްޖޭގެ އިގްތިސާދު ހަލާކުވެގެން ހިނގައިދާނެ ކަމަށާއި ރައްޔިތުންގެ އަތުން ޓެކްސް ނަގަނީ ރައްޔިތުންގެ ބޭނުންތައް ފުއްދައި، ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަމަވެސް ރާއްޖޭގައި ޓެކުހުގެ ގޮތުގައި ރައްޔިތުންގެ އަތުން ނަގާ އަދަދު ގިނަ ކަމަށާއި އެގޮތުން ރާއްޖެއަށް އަހަރެއްގެ މައްޗަށް ޓެކުހުގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބޭކަން ފާހަގަކުރެއްވިއެވެ.


"އެހެންވީމަ ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާނަމަ ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ މުއްސަނދި އެއް ގައުމަކީ ރާއްޖެ." ސިޔާމް ވިދާޅުވިއެވެ.


ސިޔާމް އިތުރަށް ވަނީ ދައުލަތުން ހަރަދުތައް ކުޑަކޮށް، ދައުލަތަށް ގެއްލުންވާ ކުންފުނިތައް އުވާލަން ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު