އުރަމަތީގެ ކެންސަރު ހުރިތޯ ބެލުމަށް ވީހާވެސް އަވަހަށް ޓެސްޓު ހެދުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

6 days ago

އަފްރާހް

އުރަމަތީގެ ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ އުރަމަތީގެ ކެންސަރާބެހޭ ހޭލުންތެރިކުރުމުގެ ޤައުމީ ސިމްޕޯޒިއަމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްވަމުންނެވެ.


ސާޖިދާ ވިދާޅުވީ މި ބާވަތުގެ ކެންސަރަކީ ބަލިން ފަސޭހަވުމަށްފަހުވެސް އޭގެ އަސަރުތައް އަންހެނުން ތަހައްމަލްކުރަންޖެހޭ ނުރައްކާތެރި ކެންސަރެއް ކަމަށާއި އުރަމަތީގެ ކެންސަރަށް ދިވެހި މުޖުތަމައު ހޭލުންތެރިކުރުވައި، އެ ބާވަތުގެ ކެންސަރު ޖެހޭ މިންވަރު މަދު ކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.


އެގޮތުން އުރަމަތީގެ ކެންސަރު އެންމެ އަވަހަށް ފަސޭހަވާނީ ވީހާވެސް އަވަހަކަށް ކެންސަރު ބައްޔަށް ފަރުވާ ކުރެވިގެންކަން ފާހަގަކުރައްވައި، ކެންސަރު ހުރިތޯ ދެނެގަތުމަށް ވީހާވެސް އަވަހަކަށް ޓެސްޓްކުރުމަށް މެމޮގްރާމެއް ހެއްދުން މުހިންމުކަން މެޑަމް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން އުރަމަތީގެ ކެންސަރަށް ޓެސްޓްކުރެވެނީ 40 އަހަރުގެ މަތީގެ އަންހެނުންނަށް ކަމަށާއި އެހެންކަމުން ހުރިހާ ދިވެހި އަންހެނުންނަށް މެމޮގްރާމެއް ހައްދަން އެކަމަނާ ވަނީ ގޮވާލައްވާފައެވެ.


މެޑަމް ސާޖިދާ ވިދާޅުވީ މިހާރު ރާއްޖޭގައި ވެސް ކެންސަރަށްދެވޭ އެކި ފަރުވާތައް އެބަހުރި ކަމަށާއި އެގޮތުން ކީމޯތެރަޕީގެ ހިދުމަތް ރާއްޖެއިން ލިބެންހުރިކަން ފާހަގަކުރެއްވިއެވެ. އަދި އައިޖީއެމްއެޗްގައި މިހާރު ތްރީޑީ މެމޮގްރާމެއް ހެދޭއިރު، މެމޮގްރާމެއް ހެއްދުމަށް ކޮންމެހެން ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.


މި ސިމްޕޯޒިއަމްގެ ބޭނުމަކީ އަންހެނުންނަށް ޖެހޭ އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އުފައްދާ، ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.


މި ސިމްޕޯޒިއަމް ކުރިއަށްދަނީ އެސްޓީއޯ މެޑިކަލް ސަރވިސަސްއާއި އެސްޓްރާ ޒެނެކާއާއި އައިޖީއެމްއެޗް ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު