2 months ago
ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި ކާމިޔާބީގެ ވާހަކަތަކަކީ އެހެން ޒުވާނުންނަށް ހިއްވަރު ލިބިގެންދާނެ ވާހަކަތަކެއްކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވިސް: އެންހޭންސިސްންގ އެންޑް އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓުން އިންތިޒާމްކުރި "ޔޫޕް ވޮއިސެސް" ކެމްޕެއިންގައި ބައިވެރިވެ، ވަނަ ހާސިލުކުރެއްވި ފަރާތްތަކަށް އިނާމް ދިނުމަށް ބޭއްވި ހަފުލާގައެވެ.
ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ޔޫތް ވޮއިސެސް ފަދަ އެކި އެކި ކެމްޕެއިންތަށް ކުރިއަށް ގެންދާއިރު، ޒުވާނުންގެ އުމުރުފުރައިގެ ތެރެއިން އެހެން ޒުވާނުންނަށް ހިއްވަރުދިނުމާއި، ޒުވާނުންގެ ކަންކަމުގައި އަޑުއުފުލައި، ދިވެހިރާއްޖޭގެ ޒުވާނުން ތަމްސިލްކުރާނެ ބަޔަކު ބޭނުންވާކަމަށް ސްޓޭޓް މިނިސްޓަރ ޝަފީޢު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރާއި މިނިސްޓްރީގެ އަމާޒަކީ ޒުވާނުންނަށް ހުރި ފުރުޞަތުތަށް ވީހައިވެސް ބޮޑަށް ފަހިކޮއްދިނުންކަމަށެވެ. އެގޮތުން، ސްކޮލަޝިޕްތަކާއި މަތީ ތަޢުލީމު ހާޞިލުކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް، ފަސްޓް ޑިގްރީ ސްކީމް އަދި ސްޓޫޑަންޓް ލޯނު ސްކީމް ފަދަ ސްކީމްތަކުގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް މަސައްކަތްކުރަމުންދާއިރު، މި މަސައްކަތްތަކުން ކާމިޔާބު ހޯދޭނީ، މިފަދަ މަސައްކަތްތަކުގައި ޒުވާނުން ބައިވެރިކޮއްގެންކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ އުންމީދަކީ ކުރިއަށްއޮތްތާނގައި ޒުވާނުންނާއި އެކުގައި މަސައްކަތްކޮށް، މި ފަދަ ކެމްޕެއިންތަކާއި ޕްރޮގްރާމްތަކުގައި ގިނައަދަދެއްގެ ޒުވާނުން ބައިވެރިވުންކަމަށް ވިދާޅުވިއެވެ. އަދި ވާހަކަފުޅު ނިންމާލައްވަމުން އެމަނިކުފާނު ވަނީ ޔޫތު ވޮއިސެސް ކެމްޕެއިން އިންތިޒާމުކުރެއްވި މީރީ ޕްރޮޖެކްޓާއި މި ކެމްޕެއިން ސްޕޮންސަރކުރެއްވި އަންބަލާނގެ އަދި ބޮޑީ ޓެކްއަށް ޝުކުރުޢަދާކުރައްވާފައެވެ.
މިރީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ "ޔޫތު ވޮއިސެސް" ކެމްޕެއިން އަކީ ސޯޝަލް މީޑިޔާ މެދުވެރިކޮށް، އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދާ ޒުވާނުންނަށް ދިމާވި ގޮންޖެހުންތަކާއި ލިބުނު ކާމިޔާބީތަށް ހިއްސާކޮށް، އެހެން ޒުވާނުންނަށް ހިއްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ކެމްޕެއިންއެކެވެ.
މި ކެމްޕެއިންގައި އެންމެ ގިނައިން ލައިކް ލިބުނު ތިން ފަރާތަކަށް ވަނީ އިނާމް ހަވާލުކޮށްފައެވެ.