ކުއްލިގޮތަަށް ނިޔާވި ހުރަވީ ސްކޫލު ދަރިވަރުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

5 days ago

އަފްރާހް

ކުއްލިގޮތަަށް ނިޔާވި ހުރަވީ ސްކޫލު ދަރިވަރު ފާޠިމަތު ޝިމާ މުޙައްމަދުގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކައުންޓުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ފާޠިމަތު ޝިމާ މުޙައްމަދު، ސްކޫލުގައި ތައުލީމު ހާސިލުކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް ނިޔާވި ޚަބަރު އެއްސެވީ ފުން އަސަރާއި ކަންބޮޑުވުމާއެކުގައި ކަމަށެވެ.


އެމަނިކުފާނުގެ ޕޯސްޓުގައި އެ ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށްދެއްވުމަށާއި، އެ މައުސޫމް ދަރިވަރު މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި ލެއްވުން އެދިވަޑައިގެން ވަނީ ދުއާ ކުރައްވާފައެވެ.


މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ މަރްޙޫމާ ފާޠިމަތު ޝިމާ މުޙައްމަދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ހުރަވީ ސްކޫލުގެ ދަރިވަރަކަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަމުގެ ރިޕޯޓު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މި މައްސަލަ ފުލުހުން އިތުރަށް ތަހްގީގުކުރަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު