ޒުވާނުންނަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ދުރާލާ ހުނަރު ދެނެނުގަނެވުން

5 days ago

އަފްރާހް

ހުނަރުވެރި ޖީލެއް ބިނާކުރުމަށް ޅަފަތުގައި ކުދިންގެ ހުނަރުތައް ދެނެގަނެ އެ ހުނަރުތަކުން ކުދިން ތަމްރީންކޮށް ފުރުސަތުފަހިކޮށްދޭން ޖެހޭކަމަށް މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ސީއީއޯ ޑރ. ޒަޙުރާ މުޙައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެންވިދާޅުވީ މޯލްޑިވިސް: އެންހޭންސިސްންގ އެންޑް އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓުން އިންތިޒާމްކުރެއްވި "ޔޫޕް ވޮއިސެސް" ކެމްޕެއިންގައި ބައިވެރިވެ، ވަނަ ހާޞިލުކުރެއްވި ފަރާތްތަކަށް އިނާމް ދިނުމަށް ބޭއްވި ހަފްލާގައެވެ.


ޑރ. ޒަޙުރާ ވިދާޅުވީ ޒުވާނުންނަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ދުރާލާ ހުނަރު ދެނެނުގަނެވުންކަމަށެވެ. އަދި ހުނަރު ދެނެގަނެވުނު ނަމަވެސް ބައެއް ހާލަތުގައި ބެލެނިވެރިން ނުވަތަ މުޖުތަމައުން އެކަން ބަލައިނުގަތުންކަމަށެވެ.


މީގެއިތުރުން ހުނަރުވެރި ގާބިލް ޖީލެއް ބިނާކުރުމަށް މިކަންކަން ރަނގަޅުކޮށް ޅަފަތުގައި ކުދިންގެ ހުނަރުތައް ދެނެގަނެ އެކަންކަން ކުރިއަރުވާ ހިތްވަރުދޭނެ މުޖުތަމައަކަށް މި މުޖުތަމައު ބަދަލުވެގެން ދިއުމަކީ ކުރާ އުންމީދެއް ކަމުގައި ވެސް ވިދާޅުވިއެވެ.


މިހާރު އެކި ދާއިރާތަކުން ކުރިއަރައިގެން ދާނެ ފުރުސަތުތައް ފަހިވެފައިވާކަނ ފާހަގަކުރައްވައި އެކަމަނާ އިތުރަށް ވިދާޅުވީ އެމްއެންއެސްޑީއޭގައި ވެސް ހުނަރުވެރިން އުފެއްދުމަށް ވަރަށް ގިނަ ޕްރޮގްރާމްތައް އެކުލަވާލެވިފައިވާކަމަށެވެ.


އެހެންކަމުން އެފަދަ ޕްރޮގްރާމްތަކުގައި ގިނަ ޒުވާނުން ބައިވެރިވުމަކީ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމެއްކަމުގައި ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު