އެންމެމޮޅު ނޫސްވެރިޔާ ހޮވަން މިހާރު އެސްއެމްއެމް ކުރެވޭނެ

5 days ago

އަފްރާހް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެއަހަރަކު ވެސް ދެމުން އަންނަ އެންމެމޮޅު ނޫސްވެރިޔާ ހޮވުމަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


މި އިނާމަށް ފަސް ނޫސްވެރިން ނޮމިނޭޓްވެފައިވެއެވެ. އެއީ ވަން އޮންލައިންގެ މުޙައްމަދު ޝަމްޢޫން، އަދަދުގެ އައްޒާމް އަލިފުޅު، މިހާރު ނޫހުގެ ފާޠިމަތު ޝާނާ މުޙައްމަދު ވަގުތު އޮންލައިންގެ މުޙައްމަދު ޔާމީން އަދި ފައުރުގެ މުޙައްމަދު މުޒައްޔިން ނާޒިމް އެވެ.


އެންމެމޮޅު ނޫސްެވެރިޔާ ހޮވުމަށް އެސްއެމްއެސް ކުރުމުގެ ސުންގަޑިއަކީ އޮކްޓޯބަރ 23 ވަނަ ދުވަހުގެ ރޭ 11:59 އެވެ. މިއީ އާންމުންކުރާ އެސްއެމްއެސްގެ 15 އިންސައްތައާއި ޖަޖުންގެ މާކްސް ހިމަނައިގެން ދޭ އިނާމެކެވެ.


އެންމެމޮޅު ނޫސްވެރިޔާ ހޮވުމަށް އެސްއެމްއެސް ކުރާނީ JY (space) Shana, Azzam, Shamoon, Muzayyin, Yameen ޖެހުމަށްފަހު 4244 އަށެވެ.


އެމްއެމްސީ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ ބޭއްވުމަށް މިހާރުތާވަލުކޮށްފައިވަނީ މި އޮކްޓޯބަރުގެ 28 ވަނަ ދުވަހުގެ ރޭ، ޢުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓިޕާރޕަސް ހޯލުގައެވެ.


މި އިނާމަށް ނަން ހުށަހެޅުމަށް ހުޅުވައިލުމުން 18 ދާއިރާއަށް 88 ހުށަހެޅުން ލިބިފައިވާކަމަށް އެމްއެމްސީން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 18 ދާއިރާއަކަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.


މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާއެވެ. އަދި ވިޔަފާރިއާއި އިގްތިސާދާއި ކުޅިވަރުގެ ދާއިރާ ވެސް ހިމެނެއެވެ.


މީގެއިތުރުން ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއާއި ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާއާއި ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ، ފީޗަރ ރިޕޯޓުގެ ދާއިރާ، ތާރީޚާއި ސަގާފަތުގެ ދާއިރާ ވެސް ހިމެނެއެވެ.


ދިވެހި ނޫސްވެރިންނަށް ހިތްވަރުދީ، ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑު ހިފަހައްޓައި، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން ދޭ މި އިނާމުގައި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާއާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ ވެސް ހިމަނާފައި ވެއެވެ. އަދި އޯޑިއޯ ޖާނަލިޒަމްއާއި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމާއިި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ވެސް ހިމެނެއެވެ.


މީގެއިތުރުން އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމާއި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު ވެސް މިއަހަރު ދިނުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު