ސީއެފްއެސްގެ 52 ވަނަ ބައްދަލުވުމުގައި ޑރ. ރަމީލާ ބައިވެރިވެވަޑައިގެންފި

1 day ago

އަފްރާހް

އ.ދގެ މެންބަރު ގައުމުތައް ހިމެނޭ ''ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ'' (ސީއެފްއެސް) ގެ 52 ވަނަ ބައްދަލުވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ބައިވެރިވެވަޑައިގެންފިއެވެ.


1974 ވަނަ އަހަރު އުފައްދާފައިވާ ސީއެފްއެސް އަަށް 2024 ވަނަ އަހަރަކީ 50 އަހަރު ފުރޭނެއެވެ.


އިޓަލީގެ ވެރިރަށް ރޯމްގައި ހުންނަ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ހެޑްކުއާޓަރގައި މިމަހުގެ 21 އިން 25 އަށް ކުރިއަށް ގެންދާ މިބައްދަލުވުމުގައި 152 ގައުމުން ބައިވެރިވެފައިވެއެވެ.


ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ މިނިސްޓަރ ޑރ. އައިޝަތު ރަމީލާ އާއި ޑިރެކްޓަރ އަލީ އާމިރުއެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެފްއޭއޯ، އިފާޑު، ޑަބްލިއުޕީއެފް އަދި އ.ދގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ އިސްވެރިން ވަނީ ތަގްރީރު ކުރައްވާފައެވެ.


ކޮމިޓީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 733 މިލިއަން މީހުން ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށާއި ދުނިޔޭގެ އާބާދީގެ ނިސްބަތަށްބަލާއިރު ކޮންމެ 11 މީހަކުން އެކަކު ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.


ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށާއި، ފޯރުކޮށްދެވޭ ކާނާއަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ހިމެނޭ ކާނާކަން ކަށަވަރު ކުރުމަށް ގައުމީ ފެންވަރުގަޔާއި، ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް ހަދަންޖެހޭ ސިޔާސަތުތައް ހެދުމަށް ބޭނުންވާ ގައިޑްލައިން އަކީ މިކޮމިޓީން ހަދާފައިވާ ގައިޑްލައިންތަކެކެވެ.


މިހާރު ކުރިއަށްދާ ކޮމިޓީ ބައްދަލުވުމަކީ، މި ގައިޑްލައިންގައި ހިމަނާފައިވާކަންކަން ހާސިލްކުރުމަށް ގައުމުތަކުން ކޮށްފައިވާ މަސައްކަތްތަކާއި، ގައުމުތަކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ދިމާވެފައިވާ ހުރަސްތައް އަދި ކުރިއަށް ރާވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު އެއްކުރުމަށާއި، ދުނިޔޭގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ސަސްޓެއިނަބްލް، އިންކްލޫސިވް، ރެސިލިއެންޓް ފުޑް ސިސްޓަމްއެއް އުފެއްދުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރެވެން ހުރި ކަންކަން ދެނެގަތުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. 


ކިޔުންތެރިންގެ ހިޔާލު