ވަޒީފާ އިން ވަކިކުރީ ގަވާއިދާ ހިލާފަށް، ޓްރައިބިއުނަލް އަށް ދާނަން: ޒިޔާއު

1 day ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ, ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު އެ މަގާމުން ވަކިކޮށްފިއެވެ.


ޒިޔާއު މިކަން ޔަގީންކޮށްދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ޚަބަރުތައް މީޑިއާ އަށް ހާމަކުރެއްވުމަށް އޮންނަ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިރެކްޓަރ, ކޮމިއުނިކޭޝަންސްގެ މަގާމުން އޭނާ ވަކިކޮށްފައި ކަމަށެވެ.


އޭނާ ވިދާޅުވީ ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު، އޭނާ ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ.


"ޕާލަމެންޓަރީ ސަރވިސް ގަވާއިދާ ހިލާފަށް އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގްސަދުގައި ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ." ޒިޔާއު ވިދާޅުވެފައި ވެއެވެ.


މީގެއިތުރުން މިއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން، ހާއްސަކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ވެސް ވިދާޅުވިއެވެ.


މި ވާހަކަތަކަށް ރައްދުދެއްވައި، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ 'ދަ ޕްރެސް' އަށް ވިދާޅުވެފައިވަނީ ޒިޔާއުގެ އެ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށެވެ.


ޒިޔާއު ވިިދާޅުވީ ޕާލަމެންޓަރީ ސަރވިސް ގަވާއިދާ ހިލާފަށް ރާވައިގެން ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅުއްވާނެ ކަަމަށެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް 2019 ވަނަ އަހަރު، ޒިޔާއު އައްޔަންކުރެއްވުމުގެކުރިން ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި 13 އަހަރު ވަންދެން ވަނީ ނޫސްވެރިކަން ކުރައްވާފައެވެ. އަދި އެތަނުގެ ސްޓޭޝަން މެނޭޖަރުކަން ވެސް ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު