ނައިބު ރައީސް މިހާރުހުންނެވީ ސަމޯއާ ގަ

1 day ago

އަފްރާހް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސަމޯއާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެޤައުމުގެ ވެރިރަށް އަޕިއާއަށް ވަޑައިގެންފިއެވެ.


ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ނައިބު ސަމޯއާގެ ވެރިރަށް އަޕިއާގެ ފަލެއޯލޯ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާއެއް ދެންނެވީ ސަމޯއާން މިނިސްޓަރ ފޮރ ޕޮލިސް އެންޑް ޕްރިޒަންސް ފައުލޯ ހެރީ ޖެފްރީ ޝުސްޓަރ އާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމެވެ.


މި ދަތުރުފުޅުގައި ކްލައިމެޓް އެކްޝަން، ކްލައިމެޓް ފައިނޭންސް ފަދަ ބައިނަލްއަގްވާމީ މުހިންމު ކަންކަމާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި، ކޮމަންވެލްތު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.


މީގެއިތުރުން ބައިނަލްއަގްވާމީ ގޮތުން ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ލީޑަރުންނާއެކު ބައިލެޓްރަލް ބައްދަލުވުންތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.


ނައިބު ރައީސްގެ މި ދަތުރުފުޅުގައި މި މަހުގެ 25 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗޯގްމްގެ އެގްޒެކެޓިވް ސެޝަންތަކުގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ބައިނަލްއަގްވާމީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވެ، ބައިނަލްއަގްވާމީ މުހިންމު ބައިވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި ދާދިފަހުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވެސް އެމަނިކުފާނު ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.


ހަމަމިއާއެކު ބައިނަލްއަގްވާމީ މައިދާނުގައި އިހްތިރާމު ކުރާ، އަދި އިހްތިރާމު ލިބޭ، ގައުމަކަށް ރާއްޖެ ހެދުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު