އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯސް 3 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

3 hours ago

އަފްރާހް

މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ "އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯސް 3" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.


މިކަމަށްޓަކައި މިއަދު އެންސީއޯ އެކެޑަމީ، ކ.ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.


މި މަހުގެ 13 އިން 23 އަށް ކުރިއަށްދިޔަ މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، ފުޓް ޑްރިލް، ސްކޮޑް ޑްރިލް، ރައިފަލް ޑްރިލް، ކޭން ޑްރިލް، ފްލެގް ޑްރިލްގެ އިތުރުން ފިޒިކަލް ފިޓްނަސް އަދި ސްވިމިންގ ހިމެނެއެވެ. މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.


މި ކޯހަކީ، އެމްއެންސީސީގެ ފަރާތުން ރާއްޖޭގެ އެކި ސްކޫލުތަކުގައި ޤާބިލުކަމާއެކު މަސައްކަތްކުރާ ކެޑޭޓް އިންސްޓްރަކްޓަރުން ތައްޔާރުކުރުމަށް އެމްއެންޑީއެފްއާއި އެމްއެންސީސީ ގުޅިގެން ހިންގި ކޯހެކެވެ. އަދި މި ކޯހުގެ ތަމްރީނުތަކުގައި ކިޔަވައިދިނީ ސިފައިންގެ އިންސްޓްރަކްޓަރުންނެވެ. މި ތަމްރީނުގެ ސަބަބުން، ކެޑޭޓް އިންސްޓްރަކްޓަރުންގެ ލީޑަޝިޕް ހުނަރު އިތުރުވެ، ދަށު ރޭންކުތަކުގެ ކެޑޭޓުންނަށް މެންޓަރކޮށް މަގުދައްކައިދިނުމުގެ ޤާބިލުކަން ކެޑޭޓް އިންސްޓްރަކްޓަރުންގެ ކިބައިގައި ތަރައްޤީވެގެންދާނެއެވެ.


މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި އެންސީއޯ އެކަޑެމީގެ ޑައިރެކްޓަރ، މޭޖަރ ޙުސައިން ޝާހިދާއި އެންސީއޯ އެކެޑަމީގެ ޑެޕިއުޓީ ޑައިރެކްޓަރ، ކޮމާންޑް ސާޖަންޓް މޭޖަރ އިބްރާހީމް ޢަބްދުﷲއާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޓްރެއިނިންގ އެންޑް ކޯޑިނޭޝަން އޮފިސަރ، ސާޖަންޓް މޭޖަރ ޒުޙައިރު ޙުސައިންއާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ އޮފިސަރުންގެ އިތުރުން ކޯހުގެ ޕްރޮގްރާމް ކޯޑިނޭޓަރ، ސާޖަންޓް މޭޖަރ ސަޢީދު ޙަސަން އަދި ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު