2 months ago
ތަނަވަސްކަމަށް ދިއުމަށް ރާއްޖެއިން ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ކޮމަންވެލްތުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދަޢުވަތު ދެއްވައިފިއެވެ.
އެމަނިކުފާނު މި ދައުވަތު ދެއްވީ ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ބައްދަލުވުމުގެ ކުރިން މިއަދު ބޭއްވި ކޮމަންވެލްތު ބިޒްނަސް ފޯރަމް: އައިލެންޑް ލީޑާސް ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ވަނީ ސިޑްސްގެ ގައުމުތަކަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށާއި ސިޑްސްގެ ހުރިހާ ޤައުމަކަށް ތަނަވަސްކަން ހޯދައިދިނުމަށް މަސައްކަތްކުރުމަށް ކަންތައްތަކެއް ވަނީ ހުށަހެޅުއްވާފައެވެ.
އެގޮތުން ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ފަރާތްތައް ޝައުޤުވެރިކުރުވުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުން ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރިއާއި ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް ޕްރައިވެޓް ސެކްޓަރ ހަރުދަނާކުރުމަށް މަސައްކަތްކުރެވިދާނެކަން ވެސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ތަފާތު ތިމާވެށީގެ ނިޒާމުތަކަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި މާލީ އެހީ ހޯދުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރާއްޖެ އަކީ ނާޒުކުކަން މާނަކުރަން ދެކޮޅު ހަދާ ގައުމެއް ކަމަށާއި ރާއްޖެ އާއި އެހެނިހެން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އަމިއްލަ ކުރިމަގު އަމިއްލައަށް ބަލަހައްޓަން ޖެހިފައިވާ ގައުމެއްކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ބަދަލުވުމުގެ ތަސައްވުރާއެކު، މިހާރަށްވުރެ ހަރުދަނާ، ތަނަވަސް ރާއްޖެއެއް ގާއިމުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހިތްވަރުގަދަ، އުއްމީދީ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން އައި.ސީ.ޓީ، ފައިނޭންސް، އަދި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމަންވެލްތުގެ ވިޔަފާރިވެރިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖެއާއެކު ހިއްސާކުރެވޭ ތަނަވަސްކަމަށް ދިއުމަށް ރާއްޖެއިން ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ކޮމަންވެލްތުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވާފައެވެ.
ނައިބު ރައީސް ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.