އަންނައަހަރުގެ ބަޖެޓުގައި ސިޔާސީ މީހުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރަނީ

2 hours ago

އަފްރާހް

އަންނައަހަރުގެ ބަޖެޓުގައި ސިޔާސީ މީހުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރަން ނިންމައިފިއެވެ.


މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެެއްގައެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.


އެގޮތުން.ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ ކުރުމަށް ނިންމަވާފައިވާއިރު، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ވެސް 10 އިންސައްތަ އުނިކުރުމަށް ވަނީ ނިންމަވާފައެވެ.


މީގެއިތުރުން ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ވެސް ނިންމަވާފައިވާކަން ހާމަކުރައްވާފައި ވެއެވެ. އެފަދަ ބޭފުޅުންނަށް 100،000 ރުފިޔާ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބެއެވެ.


ހަމަމިއާއެކު މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން ވެސް 10 އިންސައްތަ އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން ވެސް ހަމަ އެ އަދަދު އުނިކުރުމަށް އެދުމަށް ވަނީ ރައީސް ނިންމަވާފައެވެ.


ރައީސްގެ އެ ޕޯސްޓުގައި ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރައްވާނެ ކަމަށެވެ.


މީގެ އިތުރުން ޚުދު ރައީސްގެ މުސާރައިގެ 50 އިންސައްތަ ނުނަގާގޮތަށް ހަމަޖައްސަން ދަންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު