ތަމްރީނާއި ގުޅޭ އެއްބަސްވުމެއްގައި އެމްއެންއެސްޑީއޭއާއި ވިލާ ކޮލެޖު އެއްބަސްވެއްޖެ

3 hours ago

އަފްރާހް

ތަމްރީނާއި ގުޅޭ އެއްބަސްވުމެއްގައި އެމްއެންއެސްޑީއޭއާއި ވިލާ ކޮލެޖުން ސޮއިކޮށްފިއެވެ.


މިއީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ވިލާ ކޮލެޖާއި ދެމެދު ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) އަދި ނޭޝަންލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން (އެން.ޓީ.ޓީ.ސީ) ޕްރޮގްރާމްގެ ދަށުން ސޮއިކުރި އެއްބަސްވުމެކެވެ.


އެމް.އެން.އެސް.ޑީ.އޭ ގައި ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބެވެ. އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ.


2021 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖުން އަންނަނީ ނޭޝަނަލް ކޮމްފީޓެންސީ ސްޓޭންޑަރޑްތަކަށް ތަމްރީނުތައް ފޯރުކޮށްދެމުންނެވެ. މިހައިތަނަށް 16 ޕްރޮގްރާމް ހިންގުމަށް ވިލާ ކޮލެޖުން ވަނީ އެމް.އެން.އެސް.ޑީ.އޭ ގައި ރަޖިސްޓަރކޮށްފައެވެ. އަދި އެ ޕްރޮގްރާމްތަކުގެ ދަށުން 329 ދަރިވަރުން ވަނީ ތަމްރީންކޮށްފައެވެ.


ރަސްމީ ނިޒާމެއްގެ ތެރެއިން އެން.ޓީ.ޓީ.ސީ ކުރިޔަށް ގެންދިޔުމަށް އެމް.އެން.އެސްޑީ.އޭ އާއި ވިލާ ކޮލެޖާއި ދެމެދު ފަހުމުނާމާގައި ފުރަތަމަ ސޮއިކުރީ 16 މާރިޗް 2022 ގައެވެ. އަދި ނެޕް ހިންގުމަށް ފުރަތަމަ ސޮއިކުރީ 21 ޖޫން 2022 ގައެވެ.


ނެޕް އަދި އެން.ޓީ.ޓީ.ސީގެ ދަށުން ތަމްރީނު ފޯރުކޮށްދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރ ކޮށްފައިވާ ކޮންމެ އިންސްޓިޓިއުޓަކަށް ވެސް ފުރުސަތު އޮތް ކަމަށާއި އެމް.އެން.އެސް.ޑީ.އޭއިން އެކަމަށް މަރުހަބާ ކިޔާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.


މި ދެ ޕްރޮގްރާމްގެ މަގްސަދަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު އިތުރުކޮށް، ވަޒީފާގެ ބާޒާރުގައި ގާބިލު މުވައްޒަފުން އުފެއްދުމެވެ. ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ފަރާތްތަކަށް މަސައްކަތުގެ މާޙައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.


ހަމަމިއާއެކު ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން ވަކިވަކި މަސައްކަތްތަކަށް ޚާއްޞަ ހުނަރުތައް ހުރި ފަރާތްތަކަށް ރަސްމީ ތައުލީމީ ނިޒާމްގެ ތެރެއިން އެދާއިރާއިން ސަނަދު ހާސިލް ކުރެވޭނެއެވެ.


މި ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހި ޒުވާނުންނަށް ފަންނީ ހުނަރު ލިބި، ވަޒީފާގެ ބާޒާރަށް ނުކުތުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރިއެރުން ލިބި، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެހީތެރިވެދޭނެއެވެ.


މި ޕްރޮގްރާމްތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެމް.އެން.އެސް.ޑީ.އޭގެ ވެބްސައިޓް https://www.mnsda.gov.mv/ އަށް ޒިޔާރަތްކުރުމަށް އެދިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު