ސަރުކާރުގެ މިސްރާބު ހުރީ ރައްޔިތުން ދޫކޮށް ޚުދުމުޚްތާރު ވެރިކަމަކަށް: ޝާހިދު

2 hours ago

އަފްރާހް

ސަރުކާރުގެ މިސްރާބު ހުރީ ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ޚުދުމުޚްތާރު ވެރިކަމަކަށް ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.


މީސްމީޑިއާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ ޓެކްސްގެ ގާނޫނުތަކަށް ސަރުކާރުން އިސްލާހުތަކެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.


އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނާއި، ވީއައިއޭ އިން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހުގެނައުމަށް ސަރުކާރުގެ ފަރާތުން މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާ އިން ނަގާ ޓެކްސްތައް ބޮޑުކުރުމަށް ހުށަހެޅި އިސްލާހުތަކާއި ވޭޕާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހު އިތުރަށް ދިރާސާކުރުމަށް މިހާރުވަނީ ސަބް ކޮމިޓީއަކަށް ފޮނުވާފައެވެ.


ސަރުކާރުން ހުށަހަޅުއްވާފައި ވަނީ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށާއި ގްރީން ޓެކްސް ދެ ގުނަ ބޮޑުކުރުމަށާއި އެއަރޕޯޓް ޑިޕާޗަރ ފީ ބޮޑުކުރުމަށެވެ. އަދި ވޭޕާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ވެސް ބޮޑުކުރުމަށެވެ.


މިކަމާއިގުޅުގެން ޝާހިދު ކުރައްވާފައިވާ ޕޯސްޓުގައި ވަނީ ސަރުކާރުގެ ބޭކާރު އިސްރާފު ޚަރަދުތައް ކުޑަ ނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކުރާކަމަށް ވިދާޅުވެފައެވެ.


މީގެއިތުރުން ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ޚުދުމުޚްތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލެއް ކަމުގައި ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.


 



ކިޔުންތެރިންގެ ހިޔާލު