ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުން މާދަމާ

1 hour ago

އަފްރާހް

ސަރުކާރުން ހުށަހަޅުއްވާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.


ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން މާދަމާ ހެނދުނު 11 ޖަހާއިރު، އޮންނަ މަޖިލީހުގެ ޖަލްސާގައި އޮންނަނީ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމާއި އެ ބަޖެޓާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުން އެކަންޏެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށް ނިންމީ މިއަހަރުގެ ބަޖެޓުން ހަރަދުތައް ހަަމަނުޖެއްސޭނެ ކަމަށް ބަލައްވާފައި ކަމަށެވެ.


ސަޕްލިމެންޓު ކުރަން ޖެހޭ ސީދާ އަދަދެއް ކަނޑައަޅައި، ނިންމާނީ ކެބިނެޓާއި ރައީސް ޑރ. މުއިއްޒުގެ ލަފާ ހޯއްދަވައިގެން ކަމަށާއި ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


ވޭތުވެދިޔަ ދެ އަަހަރު ވެސް ވަނީ މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ ހަރަދުތައް ބޮޑުވެގެން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރު ވަނީ އެ އަހަރަށް ލަފާކުރި 42.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.


49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރަަށް ފާސްކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައިވަނީ ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރީ ޕީއެސްއައިޕީ އާއި އިންޑިރެކްޓް ސަބްސިޑީ އާއި ދަރަނި އަދާކުރުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު