އިސްލާހީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް އަބަދު ވެސް އިސްކަންދޭނަން: ސަރުކާރު

3 hours ago

އަފްރާހް

އިސްލާހީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް އަބަދު ވެސް އިސްކަންދެއްވާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދެއްވައިފިއެވެ.


މި ޔަގީންކަން ސަރުކާރުން ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ، ނެރުއްވި ބަޔާނެއްގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކޮށްދެއްވުމުގައި، ރައީސް ޑރ. މުޢިއްޒު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބީއެމްއެލް އިން ދެއްވާ އެއްބާރުލެއްވުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރައްވާ ކަމަށެވެ.


އެގޮތުން 24 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސް ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރަން ފެށްޓެވުމަށް ފުރަތަމަ ކުރައްވާ ކަމެއްގެ ގޮތުގައި، ބޭރު ގައުމުތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު މި އަންނަ މަހުން ފެށިގެން 1200 ޑޮލަރަށް އިތުރުކޮށްދެއްވުމަށް އެ ބޭންކުން ނިންމެވުމަކީ، އެ ކުދީންނަށާއި އެ ކުދީންގެ އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ދިވެހި ގައުމުގެ ތަރައްގީގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބީއެމްއެލްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދު ވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ވަނީ އަރުވާފައެވެ.


ހަމަމިއާއެކު ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމުދަނީގެ މަންފާ ރައްޔިތުންނަށް އިތުރުވަމުންދާނެ ތިޔާގި ދުވަސްތަކެއް ގައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތައް ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދު ވެސް އިސްކަން ދެމުން ގެންދަވާ ކަަަށް ވެސް އެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު