އދ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން އިހުނަށްވުރެ މިހާރު މުހިއްމު: ޝާހިދު

2 hours ago

އަފްރާހް

އދ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން އިހުނަށްވުރެ މިހާރު މުހިއްމުވެފައިވާ ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.


އދގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 'ޔޫ.އެން ޑޭ' ގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.


މީސްމީޑިއާގައި ޕޯސްޓްކުރެއްވި މެސެޖްގައި ޝާހިދު ވިދާޅުވީ ކޮންމެ ގައުމަކީ ވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ އަދި ކުރަން ޖެހޭނެ ގައުމެއްކަމަށެވެ. އަދި ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުން ވެސް މި ޒިންމާ އަދާކުރަން ޖެހޭކަމަށެވެ.


މީގެއިތުރުން ރާއްޖެއިން އެކަން ސާބިތު ކޮށްދީފައިވާކަން ފާހަގަކުރައްވައި، ރާއްޖެއަކީ އަބަދު ވެސް މަލްޓިލޭޓަރަލިޒަމް ގަބޫލުކުރާ އަދި އދގެ މުހިއްމުކަން ގަބޫލުކުރާ ގައުމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.


އެގޮތުން 1965 ވަނަ އަހަރުގެ ޖުލައި 26 ގައި މިނިވަންކަން ލިބުމަށްފަހު ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ނިންމުމަކަށް ރާއްޖެއިން ނިންމީ އދގެ މެމްބަރުކަން ހޯދަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ޝާހިދުގެ މެސެޖުގައި އދގެ ޗާޓަރަށް ޢަމަލުކުރަން ފެށިތާ 8 ދަހަރު ވުން ފާހަގަކުރާއިރު، އެ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން އިހުނަށްވުރެ މިހާރު މުހިއްމުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މަލްޓިލޭޓަރަލިޒަމްއާއި، މަޝްވަރާއާއި އެއްބައިވަންތަކަން ކުރިއަށް ނެރެން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.


ހަމަމިއާއެކު މިއަދު ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ކަމަށްވާ ތިމާވެށީގެ މައްސަލަތަކާއި، ފަގީރުކަމާއި، ގަތުލުއާއްމުތައް ފަދަ މައްސަލަތައް ހައްލުކުރުމުގައި އދގެ ދައުރު މުހިއްމުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދުވަސްތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ އދ އަކީ އޭގެ އުނިކަންތަކާއި މައްސަލަތަކާއެކުވެސް، އަދިވެސް މުހިއްމު އަދި އޭގެ ބޭނުން ހިފަން ޖެހޭ ޖަމްއިއްޔާއެއް ކަމަށެވެ.


ޔޫ.އެން ޑޭ ފާހަގަކުރަނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ސެން ފްރެންސިސްކޯގައި އެކުވެރި ދައުލަތްތައް – ޔުނައިޓެޑް ނޭޝަންސް – އުފެއްދުމަށް ގައުމުތަކުން އެއްބަސްވެ، ސޮއިކުރި ކުރުން ފާހަގަކުރުމަށެވެ. 


ކިޔުންތެރިންގެ ހިޔާލު