ކޮމަންވެލްތުގެ އުސޫލުތައް ރާއްޖެއިން ނަގަހައްޓާނަން: ޑރ. ހަލީލު

2 hours ago

އަފްރާހް

ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައިި ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެންފިއެވެ.


މި ބައްދަލުވުމުގައި މިނިސްޓަރ ޑރ ޚަލީލް ދެއްކެވި ވާހަކަފުޅުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ވަނީ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ކަންތައްތަކަށް ރާއްޖެއިން އިސްކަންދޭކަން ފާހަގަކޮށް, ވިލުނުވެރި މުޖުތަމަޢުތަކާއި, ޑިމޮކްރަސީގެ އުޞޫލުތައް ނެގެހެއްޓުމާއި, ވިލުނުވެރި އިޤްތިޞާދުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.


މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރެވޭނެ މަގު ފަހިކޮށް މި އަހަރުގެ މެއި މަހުގައި ބޭއްވުނު ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި ފާސްކުރެވުނު "އެންޓިގާ އެންޑް ބާބުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (އަބާސް)" ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގޮވާލެއްވިއެވެ.


މީގެއިތުރުން ވެސް, ދުނިޔެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި, ޑިމޮކްރަޓިކް އުޞޫލުތައް ނަގަހައްޓައި, ނާޒުކު ޤައުމުތައް ހިމާޔަތްކުރުމަށް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ.


ޑރ. ޚަލީލް ވަނީ, އެކި ރޮނގުތަކުން ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަށް ޝުކުރު އަދާކުރައްވާފައެެވެ. އަދި ކޮމަންވެލްތާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް, ކޮމަންވެލްތުގެ އުސޫލުތައް ރާއްޖެއިން ނަގަހައްޓާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.


ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން، ކޮމަންވެލްތުގެ ގައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށާއި ކޮމަންވެލްތުން ހާސިލްކުުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބާއްވާ މުހިންމު ބައްދަލުވުމެެކެވެ.


ކިޔުންތެރިންގެ ހިޔާލު