އެސް.ޕީ.ޓީ.ގެ 4 ވަނަ ދައުރަކަށް ސުޖޫން

1 hour ago

އަފްރާހް

ސަބްކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗަރ (އެސް.ޕީ.ޓީ.)ގެ 4 ވަނަ ދައުރަކަށް ރާއްޖޭގެ ކެނޑިޑޭޓު ފަނޑިޔާރު ޝުޖޫން އިންތިޚާބު ވެއްޖެއެވެ.


2025-2028 ވަނަ ދައުރަށް މެމްބަރުން އިންތިހާބުކުރުމަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި އިންތިހާބުގައި ރާއްޖޭގެ ކެނޑިޑޭޓު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު ކާމިޔާބުކުރެއްވީ ވާދަކުރި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.


މިއީ 2010 ވަނަ އަހަރު އެކަމަނާ އެސް.ޕީ.ޓީ. އަށް އެންމެ ފުރަތަމަ ހޮވިވަޑައިގެން ފަހުން މި މަގާމު އަދާކުރައްވާނެ 4 ވަނަ ދައުރެވެ. އެގޮތުން އެކަމަނާ ވަނީ 2021 އިން 2024 އަށް އެސް.ޕީ.ޓީގެ އެއް ދައުރު އަދި 2011 އާއި 2018 އާއި ދެމެދު ޖެހިޖެހިގެން 2 ދައުރު އަދާކުރައްވާފައިވެއެވެ.


މި މަޤާމުގައި ހުންނެވި އިރު އެކަމަނާ ވަނީ ވައިސް-ޗެއަރ އޮފް ޖުރިސްޕްރޫޑެންސްގެ މަގާމުގެ އިތުރުން އެސް.ޕީ.ޓީ. ގެ ރެޕަޓުއަރކަން ވެސް ކުރައްވާފައިވެއެވެ. މި އިންތިހާބު އެކަމަނާ ކާމިޔާބު ކުރެއްވީ މި ކޮމިޓީގެ 12 ގޮނޑިއަށްކުރިމަތިލެއްވި 14 ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ.


ފަނޑިޔާރު ޝުޖޫންއަކީ މަދަނީ ޖަމުއިއްޔާތަކުގައާއި ޝަރުއީ ދާއިރާގައި، ހާއްސަކޮށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ތަޖުރިބާކާރު ބޭފުޅެކެވެ.


ރާއްޖެއިން އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް) ގައި ބައިވެރިވީ މީގެ 19 އަހަރު ކުރިންނެވެ. ރާއްޖެއަކީ އޮޕްކެޓް އުފެއްދުމުގައި ބައިވެރިވި ފުރަތަމަ 20 ގައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އޮޕްކެޓްގައި ބައިވެރިވެފައިވާ އޭޝިއާގެ ފުރަތަމަ ސްޓޭޓް ޕާޓީއެވެ.


އެސް.ޕީ.ޓީ. އަކީ އ.ދ. ގެ އެންމެ ބޮޑު އެއް ހިއުމަން ރައިޓްސް ޓްރީޓީ ބޮޑީއެވެ. އަދި މިއީ 25 އިންޑިޕެންޑެންޓް އެކްސްޕާރޓުންނާއެކު އޮޕްކެޓުން އުފައްދާފައިވާ ބައިނަލްއަގްވާމީ ބޮޑީއެކެވެ.


ކިޔުންތެރިންގެ ހިޔާލު