ސަމާލުވޭ! ގެދޮރުވެރިޔާ ސްކީމާ ގުޅުވައި ލިންކުތަކެއް ދައުރުކުރަނީ

1 hour ago

އަފްރާހް

ދޮރުވެރިޔާ ސްކީމާ ގުޅުވައިގެން ހަދާފައިވާ ފިޝިން ލިންކުތަކެއް ދައުރުވަމުންދާތީ، މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ މިއީ ގެދޮރުވެރިޔާ ސްކީމުން ފްލެޓުތަކަށް ފޯމުލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލިކަމަށާއި ވެބްސައިޓުން ލިބެންހުންނާނެކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިމެނޭ މެސެޖެއް ކަމަށެވެ.


އެހެންކަމުން ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައުލޫމާތު ހޯދުމުގައި ދައުލަތުގެ ރަސްމީ ޕޯޓަލްތަކުން މައުލޫމާތު ޗެކްކުރެއްވުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިލައްވާފައެވެ. އަދި މީސްމީޑިއާ ގްރޫޕެއްގައި މިފަދަ ލިންކެއް ދައުރުވާނަމަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv އަށް އެންގުމަށް އެދިލައްވާފައި ވެއެވެ.


މީގެއިތުރުން ޝައްކުކުރެވޭ މިފަދަ ލިންކެއް ލިބިއްޖެނަމަ، އެހެންމީހުންނަށް އިތުރަށް ހިއްސާނުކުރުމަށް ވެސް އެދިލައްވައެވެ.


މީގެ ކުރިންވެސް މިފަދަ ލިންކުތައް އެކި ދުވަސްވަރު ދައުރުވެ، ގިނަ އަދަދެއްގެ ބަޔަކު މިފަދަ ލިންކުތަކުގެ ޝިކާރައަކަށް ވެފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.


ހާއްސަކޮށް ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އާންމުކުރުމަށް ދައުލަތުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މިފަދަ ލިންކުތަކަށް ކްލިކްކުރާ މީހުންގެ އަދަދު އިތުރުވެދާނެކަމަށް ބެލެވޭކަން ފާހަގަކުރައްވައި، ފުލުހުން ވަނީ ސްކޭމުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު