މިއަހަރުގެ ދަތުރަށް ކަމަރު ބަނުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި

2 days ago

އަފްރާހް

މިފެށުނު 2025 ވަނަ އަހަރުގެ ދަތުރަށް ޖަމަރު ބަނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.


އައު އަހަރުގެ ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ނިމިދިޔަ 2024 ވަނަ އަހަރަކީ ސަރުކާރުގެ ތެރެއިން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވި އަހަރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުން ވެރިންނާ ހަވާލުކުރި އަމާނާތްތަކަށް ވެސް ހިޔާނާތްތެރިވެފައިވާކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ދައުލަތުގެ ކުންފުނިތަކުން ވެރިމީހާގެ ސީދާ އެންގުމަށް ރައްޔިތުންނަށް ހިޔާނާތްތެރިވުން ބަލައިނުގަނެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.


"ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަމުން ވަޑައިގެންނެވި ފެހި ސިގްނަލުން ރައްޔިތުންނަށް ކުރި ރާހަތެއް ނެތް. އެހުރިހާ ފެހި ސިގްނަލް ރައްޔިތުންނަށް ރަތަށް ބަދަލުވެ، ރައްޔިތުން ފަތަން ޖެހުނީ ކަރުތާ ފެނުގަ."


ރައީސް ޔާމީން އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް ފައިސާ ފަހަށް ރައްކާކުރުމުގެ ބަދަލުގައި ސަރުކާރުން ބަލަމުންދަނީ ރައްޔިތުންނަށް އިތުރު ތަކްލީފު ޖައްސާނެ މަގެއް ހޯދުމަށް ކަމަށެވެ. އެގޮތުން ޓެކްސް ބޮޑުކޮށް ވިޔަފާރިވެރިންނަށް ވެސް ޑޮލަރު މާރުކުރަން މަޖްބޫރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.


އެހެންކަމުން 2024 ވަނަ އަހަރަކީ ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ފަނޑުކޮށްލި އަހަރެއްގެ ގޮތުގައި ސިފަކުރައްވައި، 2025 ވަނަ އަހަރު ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ރައީސް ޑރ. މުޢިއްޒު ކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ސަރުކާރުން ގެނެސްދެއްވާނެ ކަމުގައި އުއްމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު