ކަނޑުގެ ވެށި ކިލަނބުވިޔަ ނުދިނުމަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅުތައް އަޅައިދީ: ނާޒިމް

2 hours ago

އަފްރާހް

ކަނޑުގެ ވެށި ކިލަނބުވިޔަ ނުދިނުމަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅުތައް އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައުބު ރައީސް އަޙްމަދު ނާޒިމް ގޮވާލައްވައިފިއެވެ.


އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ޗައިނާގެ ޝިންޑާއޯގައި ކުރިއަށްދާ، 2024 ވަނަ އަހަރުގެ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ތަގްރީރުކުރައްވަމުންނެވެ.


މި ތަގްރީރުގައި އެރޮނގުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ހިއްސާކުރައްވައި،ރާއްޖެއިން ވަނީ، ކަނޑުގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައިކަން ފާހަގަކުރެއްވިއެވެ. އަދި އެތަންތަނަކީ، ގާތްގަނޑަކަށް 63 ހާސް ހެކްޓަރުގެ އޭރިއާއެއް ކަމަށާއި އިތުރަށްވެސް މިފަދަ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.


މީގެއިތުރުން މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި، ނޫ އިގްތިސާދުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށާއި ބުލޫ ކާރބަން ޕްރޮޖެކްޓްތަކަށް ފައިނޭންސްކުރުމުގެ މުހިންމުކަމަށް ވެސް އަލިއަޅުވައިލެއްވިއެވެ.


އެމަނިކުފާނު މޫދުވިނައަކީ ކަނޑުގެ ވެށީގެ އަސާސީ ބައެއްކަމަށާއި، މޫދުވިނައިން ކާރބަން އެބްޒޯރބްކުރާ މިންވަރަކީ ރެއިންފޮރެސްޓްތަކަށްވުރެން ހެކްޓަރަކަށް 40 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.


ޝިންޑާއޯގައި އޮކްޓޫބަރު މަހުގެ 24 އިން 25 އަށް ކުރިއަށްދާ 2024 ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްއަކީ ނޫ އިގްތިސާދުގެ ރޮނގުން ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މަގްސަދުގައި ބާއްވާ ފޯރަމެކެވެ.


މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ 400 އެއްހާ ފަރާތެއް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު