2 days ago
2025 ވަނަ އަހަރު ހިމެނިގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފަށައި، އިގްތިސާދީ ފުދުންތެރިކަން އިއާދަވާނެ އަހަރެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ ދިވެހި ރައްޔިތުންނަށް ފޮނުއްވި ހިތާބުގައެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގެ އަމާޒަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
އައު އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުސަތެއްކަމުގައި ފާހަގަކުރައްވައި ވިދާޅުވީ ގައުމީ ފެންވަރުގައްޔާއި ޖަމާއަތުގެ ފެންވަރުގައްޔާއި ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެކަމަށެވެ.
މިގޮތުން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހްލާސްތެރިކަމާއެކު ދެމި އޮތުންކަމަށެވެ. އަދި ވައުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ތިބެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުންކަމުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އައު އަހަރުގެ ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރި، ސުލްހަ މަސްލަހަތު އިސްކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ. އަދި ތަރައްގީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިހްތިރާމާއި، ކުލުނުވެރިކަންކަމުގައި ފާހަގަކުރައްވައި އައު އަހަރަކީ ތަރައްގީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާމެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީލާދީ އައު އަހަރާ ގުޅިގެން ރައީސް ފޮނުއްވި ހިތާބު ނިންމަވާލައްވާފައިވަނީ އެންމެން ގުޅިގެން ގައުމީ ތަރައްގީގައި އެއް އަމާޒަކަށް ދަތުރުކުރުމަށް ބާރުއަޅުއްވަމުންނެވެ. އަދި 2025 ވަނަ އަހަރަކީ ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަގްބަލަށްޓަކައި ޒިންމާދާރުކަމާއެކީ، ގައުމު ބިނާކުރުމުގެ އަހަރުކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.