2 days ago
މިއަހަރުގެ ވެސް އުއްމީދަކީ އީޖާދީ ބޭންކިންގ ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ މި ފެށުނު 2025 ވަނަ އަހަރުގެ ތަހުނިޔާ އާއެކު އާންމުކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ވަނީ ނިމިދިޔަ 2024 ވަނަ އަހަރަކީ އެ ބޭންކަށް ކުރިއެރުމާއި ހެޔޮ ބަދަލުގެ އަހަރެއް ކަމަށެވެ. އަދި މި އެ ބޭންކާއިމެދު ކަސްޓަމަރުން ބަހައްޓަވާ ގާތްކަމާއި އިތުބާރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައި، ކަސްޓަމަރުންނާއި އާއިލާތަކަށް ދުޅަހެޔޮ ސިއްހަތާއި އުފާ ފާގަތިކަމަށް އެދިވަޑައިގެންފައި ވެއެވެ.
ބީއެމްއެލްގެ ޑިޕިއުޓީ ސީއީއޯގެ މަގާމުގައި ކުރިންހުންނެވި މުޙައްމަދު ޝަރީފަކީ ދިވެހީންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީޚުގައި ފުރަތަމަފަހަރަށް އައްޔަންކުރެއްވި ދިވެހި ސީއީއޯ އެވެ. ޝަރީފް، އެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2024 އޮކްޓޯބަރ 17 ވަނަ ދުވަހުން ފެށިގެންނެވެ.
މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައި، ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޝަރީފް ވަނީ އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 7 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ. އަދި އެ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީތަކުގެ މުގުލުގައި ވެސް ޝަރީފްގެ ހިއްސާބޮޑެވެ.
ޝަރީފު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން އެމްބީއޭ ހާސިލްކުރައްވައި، ސީނިއަރ އެގްޒެކްޓިވް ޕްރޮގްރާމް ވެސް ފުރިހަމަކުރައްވާފައި ވެއެވެ. މިއީ ލަންޑަން ބިޒްނަސް ސްކޫލުން ސީއީއޯއިންނާއި ސީނިއަރ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ޝަރީފް ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ބީއެމްއެލްގެ 42 އަހަރުގެ ދިގު މާޒީގައި ފުރަތަމަ ސީއީއޯގެ މަގާމަށް ޝަރީފް ހަމަޖައްސާފައިވާއިރު، އެ ބޭންކުގެ މަތީ މަގާމުތަކުގައި އަދިވެސް ބޭރުގައުމުތަކުގެ މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ.
އެމަގާމުތަަކަށް ކުފޫ ހަމަވާ ދިވެހީން ވެސް އެ ބޭންކުގައި މަސައްކަތް ކުރަމުން އަންނައިރު، ދިވެހީންގެ އެންމެބޮޑު އުއްމީދަކީ އަދި ދެކޭ ހުވަފެނަކީ ދިވެހީންގެ ބޭންކުގައި ހަމައެކަނި ދިވެހި މުވައްޒަފުން ވަޒީފާއަދާކުރާތަން ފެނުމެވެ.
އަލީ
އީޖާދީ ބޭންކިންނޭ....ތިހެން ކިޔާފަ ޢާންމު ރައްޔިތުންގެ ފައިސާކޮޅު ދަމައި ނުގަންނާތި..ވަގުފައިސާ އަނބިދަރިންނަށް ކާން ނުދޭތި...ދުނިޔެ މަތީގައި ވެސް އޭގެ ވޭން އުފުލަން ޖެހިދާނެ.
1 day ago