2 months ago
އުފެއްދުންތެރި އަދި ދެމެހެއްޓެނިވި މެނޭޖްމަންޓް އުސޫލުތައް ތަޢާރަފުކުރުމަށް އިތުރު ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުގެ މުހިއްމުކަން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ފާހަގަކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ، ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް) ގެ ބިޒްނަސް ފޯރަމްގައި ބޭއްވި "ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްގެ ސީ.އީ.އޯ-ލީޑަރ" އިވެންޓްގައެވެ.
މި އިވެންޓުގައި ނައިބު ވަނީ ކޮމަންވެލްތުގެ އިސްވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައާއި ބައްދަލުކުރައްވާފައެވެ.
ގުދުރަތީ ހަައްލުތަކާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) ތަކާބެހޭ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްކަން ދެއްވާ މިންވަރު ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ވަކާލާތުކުރުމަކީ އަބަދު ވެސް ރާއްޖޭގެ އެޖެންޑާގައި ވަރަށް މަތީ ދަރަޖައެއްގައި ހިމެނިފައިވާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުން އަމިއްލަ ވިޔަފާރިތަކުން މާލީ ވަސީލަތްތަކާއި ޓެކްނިކަލް ތަޖުރިބާ ހޯދައި، ސަރުކާރުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެކަން ނައިބު ފާހަގަކުރެއްވިއެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައިގެ ޙާޟިރުގައި ކުރިއަށްދިޔަ މަތީ ފަންތީގެ، ސީ.އީ.އޯ އަދި ކޮމަންވެލްތު ލީޑަރ އިވެންޓު އިންތިޒާމުކުރީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްއިންނެވެ. ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އުފެއްދެވީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޕްރިންސް އޮފް ވޭލްސްގެ މަޤާމުގައި ހުންނެވިއިރުއެވެ.
ނައިބު ރައީސް ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.