2 months ago
ދަނޑުވެރިކަމުގައި އަންހެނުން ދަނީ މިހާރު ވެސް މުހިންމު ދައުރެއް އަދާކުރައްވަމުން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ފާހަގަކުރައްވައިފިއެވެ.
އެކަމަނާ މިކަން ފާހަގަަކުރެއްވީ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ހިމެނޭ ފޯރަމްތަކުގެ ތެރެއިން ''ސީ އެފް އެސް ގައިޑްލައިންސް އޮން ޖެންޑަރ އީކުއަލިޓީ އެންޑް ވިމެން އެންޑް ގާލްސް އެމްޕަވަރމަންޓް" ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވަނީ ރާއްޖޭގައި ދަފްތަރު ކުރެވިގެން މަސައްކަތް ކުރާ ދަނޑުވެރިންގެ 57 އިންސައްތަޔަކީ އަންހެން ދަނޑުވެރިންކަން ވެސް ފާހަގަކުރައްވާފައެވެ.
އިޓަލީގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25 އަށް ކުރިއަށް ގެންދާ މި ފޯރަމްގައި ދަނޑުވެރިކަމުގައާއި ކާނާގެ ނިޒާމު ފުރިހަމަ ކުރުމުގައި އަންހެނުން އަދާކުރާ ދައުރު އިތުރުކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ވެސް މިނިސްޓަރ ވަނީ ހުށަހަޅުއްވާދެއްވާފައެވެ.
ކަމާއި ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތަކާއި ފަންނީ އަދި މާލީ ވަސީލަތްތައް ލިބިގަތުމުގަޔާއި ކާނާ އުފެއްދުމުގެ ނިޒާމުގައި އިސްނަގައިގެން މަސައްކަތް ކުރުމުގެ ފުރުސަތު އަންހެނުންނަށް ފަހިކޮށްދިނުމަށް FAO, IFAD, UNDP ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައިވައެވެ.
ދަނޑުވެރިކަމުގަޔާއި ކާނާގެ ނިޒާމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިމަތިވާ މައިގަނޑު އެއް ގޮންޖެހުމަކަށްވަނީ މާލީ އެހީތެރިކަން ހޯދުމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކަމަށާއި، މިކަމަށް އެދެވޭ ޙައްލެއް ހޯދުމުގެ މަޤްޞަދުގައި ސަރުކާރުން މިހާރު ކުރިޔަށް ގެންދާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ 30 އިންސައްތަ އަންހެން ދަނޑުވެރިންނަށް ޚާއްޞަކޮށްފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އަންހެނުން ބާރުވެރިކުރުމަށް އެކުލަވާލާފައިވާ ގައުމީ ސިޔާސަތުތަކުގެ ދަށުން، ހާލަތު ބަދަލު ކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްތައް ކުރަމުން ދިޔަ ނަމަވެސް، ގައުމީ މުހިންމު ކަންކަމުގައި ބަސްބުނުމާއި ގޮތް ނިންމުމުގެ އިތުރުން، އިގްތިސާދީ ފުރުސަތުތައް ލިބިގަތުމަށާއި މާލީ، ފަންނީ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަންހެނުން ފަސްޖެހޭ މަންޒަރު އަދިވެސް ފެންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި އެންމެންގެ ބައިވެރިވުން ހިމެނޭ، ހަރުދަނާ އަދި ހަމަހަމަ ކާނާގެ ނިޒާމެއް ގާއިމްކުރުމުގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުވާންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ހަމައެކަނި ބައިވެރިވާ ބަޔަކަށްވުމުގެ ބަދަލުގައި އިސްނަގައިގެން ގައުމުގެ ކާނާގެ ނިޒާމު ތަރައްގީކޮށް ކުރިއެރުވުމުގައި އިސް ސަފުގައި ވަކާލާތުކޮށް، މަސައްކަތްކުރާ އަންހެނުން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކުރަމުން ގެންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.