20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުން މާދަމާ

4 months ago

އަފްރާހް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުން މާދަމާ އޮންނާނެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ރަސްމީކޮށް ހާމަކުރައްވައިފިއެވެ.


މީޑިއާތަކަށް މައުލުމާތު ހިއްސާކުރެއްވުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ އައު މެމްބަރުން ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތު ފެށޭނީ މޭ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ކަމަށެވެ. އަދި މި ރަސްމިއްޔާތަށް މެންބަރުން މަޖިލީހަށް ވަޑައިގަންނަވާނީ 8:45 ގައި ކަމަށެވެ.


މީގެއިތުރުން އެ ރަސްމިއްޔާތަށްފަހު 20 ވަނަ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ފެށޭނީ ހެނދުނު 10:15 ގައި ކަމަށާއި މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ކަމަށް ވެސް ވިދާޅުވެއެވެ.


ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ޖަލްސާއަށް ހާޟިރުވެވަޑައިގެން ތިއްބަވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. އެގޮތުން ސިޔާމް ވަނީ މަޖިލީހުގައި މިހައިތަަނަށް 4 ދައުރު ފުރިހަމަކުރައްވާފައެވެ. އަދި ފަސްވަނަ ދައުރަކަށް ވަނީ އިންތިހާބުވެވަޑައިގެންފައެވެ.


20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު