ތުލުސްދޫ އަށް ކުއްތާ ބޭލި މައްސަލަ ބަލަނީ

4 months ago

އަފްރާހް

މާލެއަތޮޅު ތުލުސްދޫ އަށް ކުއްތާއެއް ބޭލި މައްސަލަ ބަލައި، ތަހުގީގުކުރަމުން އަންނަކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވެފައިވަނީ ކުއްތާއަކީ ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން ރާއްޖެ ގެނެވޭ އެއްޗެއް ކަމަށެވެ. އަދި އެ ޖަނަވާރު ރާއްޖެ ގެނައުމަށް ހުއްދަ ދިނީ ޕެޓް ޑޯގެއްގެ ގޮތުގައި ކަމަށެވެ.


މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޔޮޓް ދަތުރުކުރި ނަމަވެސް ކުއްތާ ޔޮޓުން ނުބޭލޭނެ ކަމަށް ހުއްދައިގައި ބަޔާންކޮށް، އަންގާފައިވާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.


ތުލުސްދޫ އަށް ކުއްތާއެއް ދޫކޮށްލައި މަންޒަރު މީސްމީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ އެރަށުގެ ވާޓަރާއި ގާތްކޮށްފައި އޮތް ދޯންޏަކުން މީހަކު ފައިބާއިރު، އުރުގައި ކުއްތާ އިނދެ، އަދި އެމީހާ ބަނދަަށް ފޭބުމަށްފަހު، އެ ކުއްތާ އެ ސަރަހައްދަށް ދޫކޮށްލައެެވެ. އަދި އެއްފައިން ކޮރުޖަހާ ކަހަލަ ގޮތަކަށް އެމީހާ ވައްތަރެއް ޖައްސައެވެ.


މިކަމާއިގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން 'އޮއިވަރު' އަށް ވިދާޅުވެފައިވަނީ ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުސްދޫ އަށް ބޭލިކަމުގެ ރިޕޯޓު ލިބި، އެޓެންޑުވެފައިވާ ކަމަށެވެ.


ފުލުހުން ވިދާޅުވީ އެ ކުއްތާ މިހާރުވަނީ އަނބުރާ ޔޮޓަށް ގެންގޮސްފައި ކަމަށާއި އެއީ ހުއްދަ ލިބިގެން ރާއްޖެއަށް އެތެރެކޮށްފައިވާ ކުއްތާއެއްކަން މިހައިތަނަށް ބެލިބެލުމުން އެނގޭ ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު