މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް، ނައިބު ރައީސްގެ މަގާމަށް ނާޒިމް

4 months ago

އަފްރާހް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސްގެ މަގާމަށް ް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިންތިހާބުކުރައްވައިފިއެވެ.


މި ބޭފުޅުން މި މަގާމަށް އިންތިހާބުކުރައްވާފައިވަނި މެ 28 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.


މި ޖަލްސާގައި މަޖިލީހުގެ ރައީސްކަމަށް މެމްބަރު އަބްދުއްރަހީމް އިންތިހާބުކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެމްބަރުންގެ ތެރެއިން 71 މެމްބަރުން ވޯޓްދެއްވައިގެންނެވެ. މި މަގާމަށް ދެން ވާދަކުރެއްވީ ސިޔާސީ އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ 14 ވޯޓެވެ.


ޖުމްލަ 85 މެމްބަރުން ވޯޓުދެއްވިއިރު، ބާތިލް ހަތް ވޯޓެއް ވަނީ ގުނާފައެވެ.


ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ނައިބު ރައީސްކަމުގެ މަގާމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިންތިހާބުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 80 މެންބަރުންގެ ވޯޓުންނެވެ. ނާޒިމް އާއި ވާދަކުރެއްވި އަހްމަދު ދީދީ އަށް ލިބިލެއްވީ 12 ވޯޓެވެ.


އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވަލާފައިވާއިރު، އެ ކޮމެޓީގައި ހިމެނިވަޑައިގެންނެވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، އަދި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.


ކިޔުންތެރިންގެ ހިޔާލު