ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުންމީދުކުރަން: ރައީސް ސާލިހު

4 months ago

އަފްރާހް

ގައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުންމީދު ކުރައްވާކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.


އެމަނިކިފާނު މިފަދައިން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންނަށް މަރުހަބާ ދެންނެވުމަށް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރެއްވި މެންބަރުންނަށް މުބާރިކްބާދީއާއި ތަހުނިޔާ އަރިސްކުރައްވައި ވިދާޅުވީ ރައްޔިތުން ހަވާލުކުރެއްވި މުހިއްމު ވާޖިބު އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.


މީގެއިތުރުން ގާނޫނު އަސާސީއާއި ޑިމޮކްރަސީގެ ރިވެތި އުސޫލްތަކުގެ މަތީގައި ދެމިތިއްބަވައި ގައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މޭ 28 ވަނަ ދުވަހު މަގާމުގެ ހުވާ ކުރައްވާފައިވާއިރު، މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހޮވިވަޑައިގަތީ 71 މެންބަރުންގެ ވޯޓާއެކުގައެވެ. އެ މަގާމަށް ދެން ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާ އިބްރާހިމް ނާޒިލްއެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ.


ބާތިލް 7 ވޯޓު ހިމެނޭއިރު، ސައްހަ ވޯޓުގެ އަދަދަކީ 85 އެކެވެ.


މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޮވިޑައިގެންނެވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ. 80 ވޯޓުން ނާޒިމް އެ މަގާމު ހޯއްދެވިއިރު، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.


މި ވޯޓުގައި ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. 


ކިޔުންތެރިންގެ ހިޔާލު