މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެެރިވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

4 months ago

އަފްރާހް

އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރައިލާ މަސައްކަތް ކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.


އެންޑީއެމްއޭ އިން މިފަދައިން އިލްތިމާސްކުރައްވާފައިމިވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ލަފާކުރައްވާފައިވާތީއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ލަފާކުރައްވާފައިވާގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެ ސަރަހައްދަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދު ވައިބާރުވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށެވެ.


އެހެންކަމުން އެންޑީއެމްއޭ އިން ވަނީ ވާރޭވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުމަށާއި ގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމަށް ވަނީ އެދިލައްވާފައެވެ. އަދި ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގެއްލުންވެދާނެފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށް ވެސް އެދިލައްވައެވެ.


ހަމަމިއާއެކު އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް ވެސް ދުރައިލާ ތައްޔާރުވުމަށް އެ އޮތޯރިޓީން ވަނީ އެދިލައްވާފައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ، ދުރައިލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެފަދަ ގޮތަކަށް ހައްޔަރުކުރުމަށް ވެސް ހަނދާންކޮށްދެއްވާފައި ވެއެވެ.


އެންޑީއެމްއޭ އިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުމަށާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމުގެ ފުރިހަމަކަން ޔަގީންކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު