1 month ago
ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްޠީނަށް ލިބެމުންދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން އިއުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، އެގައުމުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް ފޮނުއްވި މެސެޖުގައެވެ.
އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތުގައި، ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ފެންނަ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ވަނީ ތައުރީފުކުރައްވާފައެވެ. އަދި ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްތީނަށް ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
މީގެއިތުރުން 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތަކަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައި ވެއެވެ.
ރައީސް ޑރ. މުޢިއްޒުގެ މެސެޖުގައި އެގައުމުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށާއި، އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.