ލިލީމަގުގައި ހުންނަ މުލިއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒަކަށް ބަދަލުކުރަނީ

1 month ago

އަފްރާހް

ލިލީމަގުގައި ހުންނަ، މުލިޔާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތާއި ގޯތި، މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.


އެމަނިކުފާނު މިގޮތަށް ނިންމެވީ ނޮވެމްބަރ 17 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.


އެގޮތުން އެ މިނިސްޓްރީން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކުގެ ތެރެއިން، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުންނެވެ.


އެތަން "ޒުވާނުންގެ ތަރޑް ސްޕޭސް" ނުވަތަ ޒުވާނުން ބާރުވެރި، ހުނަރުވެރި، މުޖުތަމައުގެއެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވައިފިއެވެ.


މުލިއާގޭ ވެހިކަލް ގަރާޖު ހުންނަ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ، މަގުމަތީގެ ކާރުބާރު ބޮޑު ސަރަހައްދަކަށްވުމާއެކު، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެފަދަ، ރަނގަޅު ޓްރެފިކް މެނެޖްމަންޓް ޕްލޭނަކާއެކު، ޒުވާނުންގެ ތަރޑް ސްޕޭސް މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމަވާފައެވެ.


މީގެއިތުރުން މިފަދަ ތަންތަނަކީ، ޒުވާނުންގެ އީޖާދީ ވިސްނުން ހަގީގަތަކަށް ހަދައި، ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއްކަމުގައި ހައްދަވާނެކަމުގައި ވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.


ޒުވާނުންނަށް ހާއްސަ "ތާރޑް ސްޕޭސް" އޭރިއާތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެކެވެ. މިގޮތުން މި ތަނުގައި ކުރިއަށް ގެންދެވުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ.


މީގެއިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށްވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ހުށަހަޅާފައިވެއެވެ.


ޒުވާނުންގެ މަރުކަޒު ޑިޒައިންކުރުމަށް ހުށަހަޅާފައިވަނީ ޒުވާނުން ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކުރެވޭނެގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.


މި ކޮންސެޕްޓުގައި، ރާއްޖެއަށް ހާއްސަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ސިއްހަތަށް ފައިދާހުރި ކެއުންތައް ޕްރޮމޯޓްކުރާ، ކެފެޓޭރިއާއެއް ހިމެނުމަށް ވެސް ހުށަހަޅާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު