12 hours ago
ރާއްޖޭގެ ޒަކާތު ހައުސް އިން ފަލަސްތީނަށް ފެން ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ މޯލްޑިވްސް ޒަކާތު ހައުސް އިން ފޯރުކޮށްދިން ފައިސާގެ އެހީގައި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ވެދިން އެހީތެރިކަމެއް ކަމަށެވެ.
ގަތަރު ރެޑް ކްރެސެންޓުން، މި ފެން ކޭސްތައް ފޯރުކޮށްދެމުންދާކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ގަތަރު ރެޑް ކްރެސެންޓުން ހާމަކޮށްފައިވަނީ ބަންދުކޮށްފައިވާ 6،000 ކޭސް ފެން ފަލަސްތީންގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިތަކެތި ފޯރުކޮށްދީފައިވަނީ އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށް ކަމަށް ވެސް އެފަރާތުން މައުލޫމާތު ދީފައި ވެއެވެ.
ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި 60،000 ފަލަސްތީންގެ މުސްލިމުންނަށް 50،000 ފެން ކޭސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްރާއީލުގެ ނިރުބަވެރި ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ހައުސްއިން 1 ލައްކަ ޑޮލަރުގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.