12 hours ago
މުޙައްމަދު ފާސިރު (ފާއްޓޭ) އާއި ޢަލީ ފާސިރު (ސެންޓޭ) ގެ ގޯލުން 90 ޕްލަސް ގޯލްޑު ކަޕްގެ ތަށި ބ. އޭދަފުށިން އުފުލާލައިފިއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ އައްޑު ސިޓީ އާ ބައްދަލުކޮށް 0-2 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު 39 ވަނަ މިނެޓުގައި ޖަހައިދިނީ މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. މިއީ ހަމްޒާ މުޙައްމަދު (ހަމްޕު) ނަގައިދިން ކޯނަރަކުން ޖަހައިދިން ގޯލެކެވެ. އަދި މިއީ ފާއްޓޭ މި މުބާރާތުގައި ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.
ފުރަތަމަ ހާފުގައި ޖެހި ގޯލުގެ ހިތްހަމަ ޖެހުމާއެކު ދެވަނަ ހާފުގައި އޭދަފުށިން ކުޅެން ނުކުތްއިރު، ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި ދެޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރި ގޯލު ޢަލީ ފާސިރު (ސެންޓޭ) ޖަހައިދިނީ ދެވަނަ ހާފު ނިމެން މަދުވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕަކީ ރާއްޖޭގައި ފުޓުބޯޅައިގެ ފޯރި އަލުން ގެނެސް، ސަޕޯޓަރުން އަލުން ދަނޑަށް ވެއްދުމުގެ އަޒުމުގައި ފުރަތަމަ ޑިވިޝަނުގެ ދެ ކޯޗަކު އިންތިޒާމްކޮށްގެން ބޭއްވި މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި 17 ޓީމަކުން ވާދަކޮށްފައިވީނަމަވެސް، އަންނައަހަރު މިއަދަދު 24 ޓީމަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ނައިންޓީ ޕްލަސް - ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ނަމުގައި ބޭއްވި މި މުބާރާތުގެ ފައިނަލް މެޗު ބެލުމަށް ދެ ރަަށަށް ނިސްބަތްވާ 1500 އަށް ވުރެ ގިނަ މީހުން ވަނީ ދަނޑަށް ވަދެފައެވެ.
ނައިންޓީ ޕްލަސް - ގޯލްޑް ކަޕްގެ ޗެމްޕިއަން އޭދަފުއްޓަށް 'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމެންޓުގެ ނަމުގައި މަރުހަބާ ދަންނަވަމެވެ. އަދި ރަނަރއަޕް އައްޑު ސިޓީ ކުރި ހިތްވަރަށް ސާބަސް ދެމެވެ.