1 month ago
ގޭންގުތައް ހުއްޓުވޭނޭ ކަމުގެ 100 ޕަސެންޓް ޔަގީންކަން މިސަރުކާރުގައި އެބައޮތް ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމާއިގުޅިގެން އެސްއެސް ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
މިނިސްޓަރ އިހްސާން ވިދާޅުވީ މިކަން ކުރެވޭނޭ ގާބިލުކަން އަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެބަހުރިކަމަށެވެ.
މީގެއިތުރުން މި ސަރުކާރުން ގާނޫނު ތަންފީޒު ކުރުމާމެދު ވިސްނާ ވަރަށް ނިމިދިޔަ ސަރުކާރުތަކުން ވެސް ވިސްނިނަމަ ގޭންގުތަކުގެ ބިރުވެރިކަން ބޮޑު ނުވާނެކަން ފާހަގަކުރައްވައި، ވަނީ ރައީސްގެ ނިންމެވުންތައް ތަންފީޒު ކުރުމުގައި ހޯމް މިނިސްޓްރީންނާއި ދިވެހި ފުލުހުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
"ރާއްޖޭގައި ގޭންތަކުގެ ބާރު ގަދަވެގެން އައީ ކުރީގެ ސަރުކާރުތަކުން ގޭންގުތަކުން އެއްބާރުލުން ދީފައި އޮތީމަ. މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް. މި ސަރުކާރުން މިކަމަށް ފިޔަވަޅު އަޅަނީ އެންމެން މިކަމަށް ޒިންމާވާން ޖެހޭ ހާލުގަ." މިނިސްޓަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އަދުގެ ހާލަތަށް ބަލާއިރު، ކުށުގެ މާހައުލުގައި އުމުރުން 12، 13 އަހަރުގެ ކުދީން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ދިރިއުޅޭ މާހައުލުގެ ސަބަބުން 12 އަހަރުން ފެށިގެން ކުޑަކުދިން ކުށުގެ ވެއްޓަށް ނިކުތުމަށް މަގުފަހިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ކެބިނެޓް ބައްދަލުވުންތަކުގައި މަޝްވަރާކޮށް ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމަށް ނިންމާފައި ވާނެކަމަށެވެ. އަދި އެ އިސްލާހު މިހާރު ޑްރާފްޓްކޮށް އޭޖީ އޮފީހަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.