1 month ago
ހަޔަރ އެޑިއުކޭޝަން މިނިސްޓްރޫގެ ދަށުން އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ފަހިކުރުމަށްޓަކައި ތިން ފަރާތަކާއިއެކު އެއްބަސްވުމުގައި ސޮއިކޮއްފިއެވެ.
މި އެއްބަސްވުންތައް ތަންފީޒު ކުރެވިގެންދާނީ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ ދަށުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާލަދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި، ބައިވެރިންނާއި އެކު އެއްބަސްވެފައިވާ ކަންތައްތަކުގެ ދަށުން ވަޒީފާތަކަށް ހޭލުންތެރިކަން އުފެއްދުމަށްޓަކައި ނެޝަނަލް ކެރިއަރސް ސަރވިސް މެދުވެރިކޮށް ހިންގާ ކެރިއަރ ގައިޑަންސް ޕްރޮގްރާމްތަކަށް ފަންނީ އެހީ ފޯރުކޮށްދިނުމާއި، މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުން ހިމެނެއެވެ.
މީގެއިތުރުން، މަސައްކަތްތެރިންނަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމުގެ ގޮތުން އެޕްރެންޓިސްޝިޕް ފުރުސަތުތައް ހުޅުވާލުން ހިމެނެއެވެ. އަދި މަސައްކަތްތެރިންނާ ގުޅޭގޮތުން އަދާހަމަ މައުލޫމާތުގެ ނިޒާމެއް ބިނާކުރުމަށްޓަކައި ބައިވެރިންގެ ދާއިރާތަކާއި ގުޅުންހުރި މަޢުލޫމާތު ކަނޑައެޅޭ އުސޫލަކުން މި މިނިސްޓްރީއާއި ހިއްސާކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ފަރާތުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު،އެސް.ސީ) ގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު، އަދި ވިލާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ގްރޫޕް ޑިރެކްޓަރ އޮފް ލަރނިންގ އެންޑް ޑެވެލޮޕްމަންޓް ހަސަން ޝަމާމު ވަނީ ސޮއި ކުރައްވާފައެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ސެއިލްސް ޕްރޮޖެކްޓުން ހިންގާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް ވަޒީފާއަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން ވެސް ހިމެނެއެވެ.
މީގެއިތުރުން ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުން ވެސް ހިމެނެއެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން ނެޝަނަލް ކެރިއަރސް ސަރވިސް ތަރައްގީކޮށް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތައް ގުޅުވާދޭ ޕްލެޓްފޯމްގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރެވިގެންދާނެއެވެ.